ތައިޒް، ޔަމަން (އޭއެފްޕީ) - ސައޫދީ އިސްވެއޮންނަ ކޯލިޝަނުން، ރަތްކަނޑުގެ އައްސޭރިފަށުގައިވާ ހޫތީންގެ އަމާޒުތަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ބުނެފައިވަނިކޮށް، އީރާނުގެ މަދަދުލިބޭ ހޫތީން ސައޫދީ އަރަބިއްޔާގެ ރިޔާޟް އިންޓަނޭޝަނަލް އެއާޕޯޓަށާއި، އަރާމްކޯ ރިފައިނަރީއަކަށް އަދި އެހެނިހެން ސަރަހައްދުތަކަށް ހަމަލާ ދީފައިވާ ކަމަށް ހޯމަ ދުވަހު ބުނެފި އެވެ.
ހޫތީންގެ ޙަމަލާތައް ވަރުގަދަވަމުން ދާއިރު، ސައޫދީ އަރަބިއްޔާއާ އެކު ވެފައިވާ ދިފާއީ އެއްބަސްވުމުގެ ދަށުން ޕާކިސްތާނާއި ތުރުކީން ސައޫދީއަށް ސިފައިން ފޮނުވުމަށް ވެސް މިހާރު ވަނީ އެއްބަސްވެފަ އެވެ. މިއީ ރިޔާޟާއި ޔަމަން ސަރުކާރުގެ އިއްތިހާދުން ހޫތީންގެ އަތްދަށުގައިވާ ހުރިހާ ސަރަހައްދެއް އަނބުރާ ހޯދުމަށް ފަށާފައިވާ ބޮޑު އޮޕަރޭޝަނާ ގުޅިގެންނެވެ.
ޔަމަންގެ އަސްކަރިއްޔާއިން ބުނީ 1,000 އަށްވުރެ ގިނަ ހަމަލާދީ، ހޫތީންގެ ބާރުގެ ދަށުގައިވާ ވެރިރަށް ސަންއާ އަނބުރާ ހޯދުމަށް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރަށް ތާއީދުކުރާ ސައޫދީ ކޯލިޝަނުން 100 ޖެޓް ފައިޓަ ބޭނުންކޮށްގެން ހަމަލާތައް ދީފައިވާ ކަމަށް ބުންޏެވެ.
ސައޫދީ ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ އެކްސްގައި ވިދާޅުވީ، ރަތްކަނޑުގެ އައްސޭރިފަށުގައިވާ ހުދައިދާގައި ހުރި ހޫތީންގެ އަސްކަރީ އަމާޒުތަކަށް ކޯލިޝަންގެ ކަނޑުގެ ސިފައިން ހަމަލާދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ "ހަތިޔާރު ގުދަންތަކާއި، ގޮވާތަކެތި ހަރުކޮށްފައިވާ ބޯޓުފަހަރާއި ކަނޑުމަތީ މައިނު ރައްކާކުރާ ތަންތަން ހަލާކުކޮށްލެވިފައިވާ" ކަމަށެވެ. އަދި ދެކުނު ރަތްކަނޑުގެ ކަނޑުގެ މަގުތަކަށް އަމާޒުކޮށްދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ހޯމަ ދުވަހުގެ ރޭގަނޑު ހަނގުރާމަ ވަރުގަދަވެ ރިޔާޟުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާއިރު، ހޫތީންގެ ތަރުޖަމާނު ބުނީ އެޖަމާއަތުން ސައޫދީގެ ވެރިރަށް ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި، އަރާމްކޯ ރިފައިނަރީއަކަށް އަދި ސައޫދީގެ ދެކުނުގެ އެހެން ސަރަހައްދުތަކަށް ހަމަލާދީފައިވާ ކަމަށެވެ.
ޔަމަން ސަރުކާރުން އާދީއްތަ ދުވަހު ވަނީ ހޫތީންގެ ބާރުގެ ދަށުގައިވާ ހުރިހާ ސަރަހައްދެއް — އޭގެ ތެރޭގައި ޔަމަންގެ އާބާދީގެ ބޮޑުބަޔަކު ދިރިއުޅޭ އަދި ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ހޫތީންގެ ދަށުގައިވާ ސަރަހައްދުތައް — އަނބުރާ ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް އިއުލާނުކޮށްފަ އެވެ.
އީރާނުގެ މަދަދުލިބޭ ހޫތީން މިދިޔަ މަހު ވަނީ ތެލާއި މުދާ އުފުލާ މުހިންމު ސަރަހައްދެއް ކަމަށްވާ ރަތްކަނޑާއި ބާބު އަލް-މަންދަބް ކަނޑުއޮޅީގެ ބޮޑު ބައެއް ވެސް ހިފައިފަ އެވެ. މިއީ ފަހުގެ އަހަރުތަކުގައި ޔަމަންގައި ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުންތަކެވެ. ޔަމަންގެ ދާހިލީ ހަނގުރާމަ އަލުން ފެށުނީއްސުރެ ހޫތީން ދަނީ އަވަށްޓެރި ސައޫދީ އަރަބިއްޔާއަށް ހަމަލާ ދެމުންނެވެ. އަދި ސައޫދީގެ އުޅަނދުފަހަރަށް ކަނޑުގެ ބްލޮކޭޑެއް ވަނީ އިއުލާނުކޮށްފަ އެވެ.
ހޯމަ ދުވަހު، ސައޫދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީގެ މަންދޫބުން ވަނީ އޮގަސްޓް މަހު ސޮއިކުރި ދިފާއ އެއްބަސްވުމުގެ ދަށުން ރިޔާޟްގައި ކުއްލި ބައްދަލުވުމެއް ބާއްވައިފަ އެވެ. މިއީ އެއިން ކޮންމެ ގައުމަކަށް ހަމަލާއެއް ކުރިމަތިވިޔަސް އެހެން ގައުމުތަކުން އެހީތެރިވުމަށް ވެފައިވާ އެއްބަސްވުމެކެވެ.
އެ ގައުމުތަކުން ވަނީ "އެއްބަސްވެވިފައިވާ އަސްކަރީ ބާރުތަކާއި ގާބިލްކަން ފޯރުކޮށްދިނުމަށާއި ސައޫދީ އަރަބިއްޔާއަށް އެ ސިފައިން އަވަހަށް ފޮނުވުން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް" އެއްބަސްވެފަ އެވެ. ނަމަވެސް، ސައޫދީއަށް ފޮނުވާ ސިފައިން އަދާކުރާނީ ކޮންކަހަލަ ދައުރެއްކަމެއް އެކަމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ތަފްސީލުކޮށްފައެއް ނުވެ އެވެ.
ޔަމަންގެ އަސްކަރީ މަސްދަރުތަކުން ހޯމަ ދުވަހު ބުނި ގޮތުގައި، ސަރުކާރަށް ތާއީދުކުރާ ސިފައިން ވަނީ ހޫތީންގެ ބާރުގެ ދަށުގައިވާ މޮޚާ ސިޓީއަށް ވަންނަން އޮތް ހަމައެކަނި ސަޕްލައި މަގު ބަންދުކޮށްފަ އެވެ. ނަމަވެސް އެ ސިޓީގެ ބަނދަރު އަނބުރާ ހޯދިފައިވާ ކަމެއް ރަސްމީ ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ޔަމަންގެ ހަނގުރާމައަކީ އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދޭންފެށި ހަމަލާތަކާ އެކު ފެށުނު މެދުއިރުމަތީގެ ބޮޑު ހަނގުރާމައިގެ ކުރިން ހިނގަމުންދިޔަ ހަނގުރާމައެއް ކަމަށްވީ ނަމަވެސް، ފަހުގެ ހަފްތާތަކުގައި މިއީ އެ ހަނގުރާމައިގެ އެންމެ ވަރުގަދަވި ފަހަރެވެ. އދ. ގެ ހިސާބުތަކުން ދައްކާގޮތުގައި މި ކުރިމަތިލުންތަކުގެ ސަބަބުން 184,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރުގެއްލިފަ އެވެ.
ޔަމަންގެ ދާހިލީ ހަނގުރާމަ ފެށުނީ 2014 ގަ އެވެ. ޖެހިގެން އައި 2015 ވަނަ އަހަރުގެ މާޗު މަހު ސައޫދީން އެ ހަނގުރާމައިގެ ތެރެއަށް ވަނެވެ. ނަމަވެސް 2022 ގައި ހެދި، ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެކު ހަނގުރާމަ މަޑުޖެހިފައި އޮތުމަށްފަހު، އަލުން ހަނގުރާމަ ފެށުނީ މި އަހަރުގެ ޖުލައި މަހު އެވެ.