ޔަމަންގެ ހޫތީންނާ ދެކޮޅަށް ސައޫދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދާފައިވާ ޖޮއިންޓް ފޯސަސް ކޯލިޝަންގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް ފަހުދު ބިން ހަމަދު އަލް ސަލްމާން މަގާމުން ވަކިކޮށް، އެ މަގާމަށް އާ ބޭފުޅަކު އައްޔަންކޮށްފި އެވެ.
ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އިއްޔެ ނެރުއްވި ރަސްމީ އަމުރުފުޅެއްގައި، ކޯލިޝަންގެ އާ ކޮމާންޑަރަކަށް ހަމަޖައްސާފައި ވަނީ ސައޫދީ އަސްކަރިއްޔާގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފް ޖެނެރަލް ފައްޔާޒް ބިން ހާމިދު އަލް ރުވައިލީ އެވެ. ސައޫދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މިހާރު ވެސް ހުންނެވި ޗީފް އޮފް ސްޓާފްގެ މަގާމާ އެކުގަ އެވެ.
މަގާމުން ވަކިކުރި ލެފްޓިނެންޓް ޖެނެރަލް ފަހުދު އަލް ސަލްމާން ދެން ހަމަޖައްސާފައި ވަނީ ޑިފެންސް މިނިސްޓަރު ޕްރިންސް ހާލިދު ބިން ސަލްމާންގެ އަސްކަރީ ކަންކަމާ ބެހޭ މުޝީރުގެ މަގާމަށެވެ. އޭނާ ކޯލިޝަންގެ ކޮމާންޑަރުކަމާ ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ.
އަސްކަރީ ލީޑަޝިޕަށް މި ބޮޑު ބަދަލު ގެނެސްފައި މި ވަނީ، ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ސްޓްރެޓެޖިކް ގޮތުން މުހިންމު ބާބުލް މަންދަބު ކަނޑުއޮޅި ކައިރިން ސައޫދީން ވާގިވެރިވާ ޔަމަނުގެ ސަރުކާރު ސިފައިން ފަހަތަށް ޖެހެން މަޖުބޫރުވިތާ އެއް ދުވަސް ފަހުންނެވެ.
ހޫތީ ހަނގުރާމަވެރިންގެ ހަމަލާތައް ވަރުގަދަކޮށް، ޔަމަނުގެ ވަގުތީ ވެރިރަށް އަދަންއާ 60 ކިލޯމީޓަރަށް ކައިރިވުމާ ގުޅިގެން، ކޯލިޝަން ސިފައިން ވަނީ އަދަންގެ ދިފާއީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ފަހަތަށް ޖެހިފަ އެވެ. މިދިޔަ ޖުލައި މަހު ޔަމަނުގެ ހަނގުރާމަ އަލުން ހޫނުވުމަށް ފަހު، ސެޕްޓެމްބަރު މަހު ހޫތީން ވަނީ ބަނދަރުމަތީ ރަށެއް ކަމަށްވާ މޮޚާ ވެސް ހިފައިފަ އެވެ. އަދި ސައޫދީގެ އެއާޕޯޓްތަކަށާއި ތެޔޮ ކާރުހާނާތަކަށް އަމާޒުކޮށް ހޫތީން ދަނީ ބެލިސްޓިކް މިސައިލް ހަމަލާތައް ވެސް ދެމުންނެވެ.