ސައޫދީ އަރަބިއްޔާ އިސްވެ އޮންނަ ކޯލިޝަނުން ޔަމަނުގެ ސަންއާ ޕްރޮވިންސަށް ވައިގެ މަގުން ދިން ހަމަލާތަކެއްގައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 22 މީހުން މަރުވެ، 30 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ ކަމަށް ހޫތީންގެ މީޑިއާތަކާއި ސިއްހީ އޮފިޝަލުން ބުނެފި އެވެ.
ހޫތީންގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަނީސް އަލްއަސްބާހީ ވިދާޅުވީ، ސަންއާގެ ބޭރުގައި އޮންނަ އަލްޝާރިޔާ އަވަށުގެ ބައެއް ގޭގެއަށް އަމާޒުކޮށް ފުރަތަމަ ހަމަލާތައް ދިނުމަށް ފަހު، އެ ގެތަކުން މީހުން ސަލާމަތް ކުރަން އުޅުނު މީހުންނަށް އަމާޒުކޮށް ވެސް ދެވަނަ ފަހަރަށް ބޮން އަޅާފައިވާ ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން ސައުދީ އަރަބިއްޔާގެ އިންފޮމޭޝަން މިނިސްޓްރީން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، ސައުދީ ކޯލިޝަނުން ބުނީ ހޫތީން ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް މިއަދު ވައްޓާލާފައިވާ ކަމަށެވެ.
ޔަމަނުގެ ދާހިލީ ހަނގުރާމަ މި އަހަރުގެ ޖުލައި މަހު އަލުން ވަރުގަދަވި ފަހުން، މިހާތަނަށް 1،600 އަށް ވުރެ ގިނަ މީހުން މަރުވެ، 300,000 އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފަ އެވެ. މި ހަމަލާ ދީފައި މިވަނީ ތާއިޒް ޕްރޮވިންސްގެ މާރުކޭޓަކަށް ދިން ހަމަލާއެއްގައި 30 މީހުން މަރުވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.