ރިޔާޟް، ސައުދީ އަރަބިއްޔާ — އިސްލާމްދީނުގެ އެންމެ މުގައްދަސް އެއް ރަށް ކަމަށްވާ މަދީނާ ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ބެލެސްޓިކް މިސައިލެއް ވައްޓާލާފައިވާ ކަމަށް ސައޫދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ބުނެފި އެވެ.
މި ހަމަލާއާ ގުޅޭގޮތުން ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް-މާލިކް 'އެކްސް' ގައި ކުރެއްވި ޕޯޓެއްގައި ވިދާޅުވީ "ޓެރަރިސްޓް ހޫތީ ހަނގުރާމަވެރިން" މަދީނާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ބެލެސްޓިކް މިސައިލެއް ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން ހުއްޓުވައި ނައްތާލާފައިވާ ކަމަށެވެ.
މިކަން ހާމަކުރީ ސައުދީގެ ސްޓްރެޓީޖިކް ބަނދަރެއް ކަމަށްވާ ޔަންބޫ ސަރަހައްދަށް ކުރިމަތިވެދާނެ ނުރައްކަލަކަށް އެ ގައުމުގެ ސިވިލް ޑިފެންސް އޭޖެންސީން އިންޒާރުދިންތާ ކުޑަ ވަގުތުކޮޅެއްގެ ފަހުންނެވެ. ނަމަވެސް، މި ދެ ހާދިސާ ގުޅުމެއް ހުރިކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ.
ނަމަވެސް ހޫތީން ވަނީ މަދީނާ ސަރަހައްދަށް ހަމަލާއެއް ފޮނުވާލި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ. އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ، އެ މީހުން ހަމަލާތައް އަމާޒުކުރަނީ ހަމައެކަނި ތެލުގެ އިންފްރާސްޓްރަކްޗާތަކާއި އަސްކަރީ މަރުކަޒުތަކަށް ކަމަށާއި، މުގައްދަސް ރަށްތަކަށް އަމާޒުކުރާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގުތަކެއް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ކޯލިޝަނުން ބުނީ، ސައޫދީގެ ތެލުގެ ސިނާއަތުގެ މައިގަނޑު ހިއްސާއެއް އޮންނަ އިރުމަތީ ޕްރޮވިންސަށް ފޮނުވާލި ޑްރޯނެއް ވެސް ވައްޓާލާފައިވާ ކަމަށެވެ. މި ޕްރޮވިންސުގެ ދައްމާމް އެއާޕޯޓަކީ މީގެ ކުރިންވެސް އެތައް ފަހަރަކު ހަމަލާތަކުގެ އަމާޒަކަށްވެފައިވާ ތަނެކެވެ.
ސައުދީގެ ތެލުގެ ބާޒާރާއި ދުނިޔެއަށް ތެޔޮ ފޯރުކޮށްދިނުމުގައި މުހިއްދު ދައުރެއް އަދާކުރާ ޔަންބޫ ބަނދަރަކީ މެދުއިރުމަށުގެ ހަނގުރާމަ ފެށުނު ފަހުން އެކި ފަހަރުމެން ހޫތީންގެ ހަމަލާތައް އަމާޒުވެފައިވާ ސަރަހައްދެކެވެ.