ސައުދީ އަރަބިއްޔާއަށް އަމާޒުވަމުންދާ މިސައިލާއި ޑްރޯން ހަމަލާތަކުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ބޮޑެތި ބައެއް އެއާލައިންތަކުން އެ ގައުމަށް ކުރާ ދަތުރުތައް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލައިފި އެވެ.

މި ދަތުރުތައް މެދުކަނޑާލާފައިވަނީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާއި ސައުދީ އަރަބިއްޔާއާ ދެމެދު ހަމަލާތައް އަލުން ވަރުގަދަވެ، ސައުދީގެ އެއާޕޯޓުތަކަށާއި މުހިންމު ބިނާތަކަށް އަމާޒުކޮށް ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގަ އެވެ.

މި މަހުގެ ނިޔަލަށް ދަތުރުތައް މެދުކަނޑާލި ބައެއް އެއާލައިންތައް:

  • އިންޑިގޯ: ޖިއްދާ، މަދީނާ، ރިޔާޟް އަދި ދައްމާމަށް ކުރާ ހުރިހާ ދަތުރުތަކެއް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ކެންސަލްކޮށްފައި.
  • އެއާ އިންޑިއާ އަދި އަކާސާ އެއާ: މި ދެ އެއާލައިނުން ވެސް ސައުދީގެ މަންޒިލްތަކަށް ކުރާ ދަތުރުތައް ވަނީ ހުއްޓާލާފައި. އޭގެ ތެރެއިން އަކާސާ އެއާއިން ރިޔާޟަށް ކުރާ ދަތުރުތައް ވަނީ ނޮވެމްބަރު 30 އަށް މެދުކަނޑާލާފައި.
  • އިއްތިހާދު އެއާވޭސް: އަބޫދާބީން ރިޔާޟަށާއި ދައްމާމަށް ކުރާ ދަތުރުތައް ވަނީ މި މަހުގެ 30 ގެ ނިޔަލަށް ކެންސަލްކޮށްފައި.
  • ލުފްތަންސާ: ދައްމާމަށް ކުރާ ދަތުރުތައް ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާފައި.
  • ބިމާން ބަންގްލަދޭޝް އެއާލައިންސް: ޑާކާއިން ރިޔާޟަށް ކުރާ ދަތުރުތައް މި މަހުގެ 30 ގެ ނިޔަލަށް މެދުކަނޑާލާފައި އޮތް ނަމަވެސް، ޖިއްދާ، ދައްމާމް އަދި މަދީނާއަށް ކުރާ ދަތުރުތައް ކުރިއަށްދާނެ.

މީގެ އިތުރުން، ކޭއެލްއެމް އާއި ފްލައިދުބާއީން ވެސް ރިޔާޟާއި އެހެނިހެން ބައެއް ސިޓީތަކަށް ކުރާ ދަތުރުތައް މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ކެންސަލްކޮށްފަ އެވެ. އަދި އިޓާ އެއާވޭސްއިން އަންނަ އަހަރުގެ ޖެނުއަރީ 7 އަށް ރިޔާޟް ދަތުރުތައް ހުއްޓާލާފައިވާއިރު، ސްކޫޓް އެއާލައިނުން ވަނީ ފެބްރުއަރީ 28 ގެ ނިޔަލަށް ޖިއްދާ ދަތުރުތައް މެދުކަނޑާލައިފަ އެވެ.

ދަތުރުތައް ކެންސަލްވުމާ ގުޅިގެން، ޓިކެޓް ނަގާފައިވާ ފަސިންޖަރުންނަށް ދަނީ އެކަމާ ގުޅޭ އެންގުންތައް އަންގަމުންނެވެ. އަދި ދަތުރުތައް ރީބުކް ކުރުމުގެ ފުރުސަތާއި، އެއްކޮށް ރިފަންޑް ލިބޭނެ އިންތިޒާމު އެއާލައިންތަކުން ވަނީ ހަމަޖައްސައިދީފަ އެވެ.

އެއާލައިންތަކުން ވަނީ ދަތުރުކުރުމަށް އެއާޕޯޓަށް ދިއުމުގެ ކުރިން، އެއާލައިންގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ފްލައިޓް ޝެޑިއުލަށް އައިސްފައިވާ ބަދަލުތައް ޗެކްކުރުމަށް އެދިފަ އެވެ.