ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟް ހިމެނޭހެން އެ ގައުމުގެ އިންޓަނޭޝަނަލް ދެ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ތިން މީހަކު މަރުވެފައިވާ ކަމަށް ބުނެފި އެވެ. 

އީރާނުގެ މަދަދާއެކު ހަރަކާތްތެރިވާ ހޫތީން ވަނީ ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ބެލިސްޓިކް މިސައިލެއް ފޮނުވާލުން ހިމެނޭހެން، ސައުދީއަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށް ކުރިން އެއްބަސްވެފަ އެވެ.

ސައުދީ އަރަބިއްޔާއަކީ ޔަމަނުގެ ސަރުކާރަށް ތާއީދުކުރާ ގައުމަކަށްވާއިރު، މި ހަމަލާތަކާ އެކު ދެފަރާތުގެ މެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފަ އެވެ.

ސައުދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ "އަންގާރަ ދުވަހާއި ބުދަ ދުވަހު... އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށާއި ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ" ކަމަށެވެ. އެ އެޖެންސީން ބުނި ގޮތުގައި އަބްހާ އެއާޕޯޓަށް ދިން ހަމަލާގައި މިސްރު މީހަކާއި އަލްޖީރިއާ މީހަކު މަރުވެފައިވާއިރު، ރިޔާޟްގެ އެއާޕޯޓަށް ދިން ހަމަލާގައި ސޫދާން މީހަކު ވަނީ މަރުވެފަ އެވެ. އަދި މި ހަމަލާތަކުގައި 36 މީހަކު ޒަހަމްވެފައިވާ ކަމަށް ބުންޏެވެ.

ޔަމަނުގެ ސަރުކާރަށް ތާއީދުކުރާ ސައުދީ އިސްވެއޮންނަ އަސްކަރީ ކޯލިޝަނުން އެކްސްގައި ބުނެފައިވަނީ ރިޔާޟަށް ހަމަލާދިނުމަށް ބޭނުންކުރި "ބެލިސްޓިކް މިސައިލް ލޯންޗާ" ހަލާކުކޮށްލާފައިވާ ކަމަށެވެ. އޭގެ ފަހުން ނެރުނު ބަޔާނެއްގައި ކޯލިޝަނުން ވަނީ ސީދާ ހޫތީންނަށް ތުހުމަތުކޮށް، އެކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެފަ އެވެ.

"ޓެރަރިސް ހޫތީ ހަނގުރާމަވެރިން ސައުދީގެ އާންމުންނަށާއި އާންމު ވަސީލަތްތަކަށް، ހާއްސަކޮށް (ދެ އެއާޕޯޓަށް) ދިން ލާއިންސާނީ ހަމަލާތަކަށް އަދަބު ނުލިބިއެއް ނުދާނެ،" އެކްސްގައި ކޯލިޝަނުން ބުނެފައިވެ އެވެ.

ކޯލިޝަނުން ބުނި ގޮތުގައި އޭގެ ރައްދުގައި ފަށާފައިވާ ހަމަލާތަކުގައި ހޫތީންގެ އަސްކަރީ 82 އަމާޒެއް ވަނީ ނައްތާލައިފަ އެވެ. އޭގެ ތެރޭގައި ފަރުބަދަތަކުގެ ތެރޭގައި ހުރި ހޫތީންގެ ބެލިސްޓިކް މިސައިލް ވަސީލަތްތަކާއި، ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތަކާއި، މުއާސަލާތީ ނިޒާމުތަކުގެ އިތުރުން ހޫތީން އެއްވެ އުޅޭ ތަންތަން ހިމެނެ އެވެ.

ޔަމަނުގެ އުތުރުހުޅަނގުގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ހޫތީން، ސައުދީގެ މަދަދުލިބޭ ސަރުކާރުގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރަމުންދަނީ އެ ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދުމަށެވެ. އެގޮތުން، ޖުލައި މަހު އަލުން ހަނގުރާމަ ފެށުނު ފަހުން ހޫތީން ވަނީ އައްސޭރިފަށުގެ ބޮޑެތި ސަރަހައްދުތަކެއް ހިފައިފަ އެވެ.

އދ. އިން ބުދަ ދުވަހު ބުނި ގޮތުގައި މި ހަނގުރާމައިގެ ސަބަބުން ގައުމުގެ އެތެރޭގައި 200,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރުގެއްލި ހާލުގައި ޖެހިފަ އެވެ.

ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރުން މި ހަފުތާގައި ވަނީ ރައްދު ހަމަލާގެ އޮޕަރޭޝަނެއް އިއުލާނުކޮށްފަ އެވެ. އަދި ރަތްކަނޑުގެ އައްސޭރިފަށުގެ މުހިންމު ސަރަހައްދުތަކުންނާއި މޮޚާ ބަނދަރުމަތީ ރަށުން ހޫތީން ފަހަތަށް ޖައްސާލެވިފައިވާ ކަމަށް ސަރުކާރުން ދައުވާކުރެ އެވެ. ނަމަވެސް ހޫތީން ބުނަނީ އެ މީހުންގެ ސަރަހައްދުތައް ދިފާއުކުރަމުންދާ ކަމަށެވެ. އަދި އޭއެފްޕީން ގުޅި ދެފަރާތުގެ އަސްކަރީ މަސްދަރުތަކުން ވެސް ބުނެފައިވަނީ ބިމުގެ ހާލަތަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމުގެ ރިޕޯޓެއް ނެތް ކަމަށެވެ.

މައިދާނުގެ ހާލަތު ވަރަށް އަވަސްއަވަހަށް ބަދަލުވަމުންދިއުމާއި ނޫސްވެރިންނަށް އެ ސަރަހައްދުތަކަށް ދިއުމަށް ހުރަސްތައް ހުރުމުގެ ސަބަބުން، ހަނގުރާމަކުރާ ދެފަރާތުން ކުރާ ދައުވާތަކުގެ ތެދުދޮގު މިނިވަންކަމާ އެކު ކަށަވަރުކުރުން ވަނީ އުނދަގޫވެފަ އެވެ. -- އޭއެފްޕީ