އީރާނުގެ މަދަދުލިބޭ ހޫތީންނަށް އަމާޒުކޮށް ޔަމަންގެ އާ ސަރުކާރުން ފަށާފައިވާ އަސްކަރީ ހަރަކާތްތަކުގައި ސައޫދީގެ އަސްކަރީ ކޯލިޝަނުން ބައިވެރިވާ ކަމަށާއި ފަތިހު ދިން ހަމަލާތަކުގައި އެއްގަމު ސިފައިންނަށް ވައިގެ މަގުން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަނގުރާމަމަތީ 100 ޖެޓް ބޭނުންކޮށްފައިވާ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.
"ހަނގުރާމަމަތީ 100 މަތިންދާބޯޓުން މިއަދު ފަތިހު 'ޑޯން އޮފް ޔަމަން' އޮޕަރޭޝަނުގައި ބައިވެރިވި،" އާދީއްތަ ދުވަހު އިއުލާނުކުރި އާ އަސްކަރީ ހަރަކާތަށް ދީފައިވާ ނަން ބޭނުންކުރައްވަމުން ކޯލިޝަންގެ ތަރުޖަމާނު މޭޖަ ޖެނެރަލް ތުރުކީ އަލް-މާލިކީ އެކްސްގައި ލިޔުއްވާފައިވެ އެވެ.
"އެއްގަމުގައި ހަރަކާތްތެރިވާ ޔަމަންގެ އަސްކަރީ ފައުޖުރަކަށް ސައުވީސް ގަޑިއިރު ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދެވޭނެ."
ކޯލިޝަނުން މިކަން އިއުލާނުކޮށްފައި ވަނީ، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ޔަމަންގެ ސަރުކާރުން އެ ގައުމުގެ ހުރިހާ ސަރަހައްދެއްގެ ކޮންޓްރޯލް އަނބުރާ ހޯދުމަށް އާ ކެމްޕޭނެއް ފަށައި ހޫތީންގެ އަމާޒުތަކަށް ހޯމަ ދުވަހު ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް ޔަމަންގެ އަސްކަރިއްޔާއިން ބުނި ފަހުންނެވެ.
ހޫތީން ވަނީ ފަހަކަށް އައިސް އިތުރު ކުރިއެރުންތަކެއް ހޯދައި، އެ ގައުމުގެ ރަތްކަނޑުގެ އައްސޭރީގެ ސަރަހައްދުތަކާއި، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް މުހިންމު ސަރަހައްދެއް ކަމަށްވާ ބާބުލް މަންދަބް ކަނޑުއޮޅި ވަށައިގެންވާ ބޮޑެތި ސަރަހައްދުތަކެއް އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.
ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ހޫތީން ސެޕްޓެމްބަރު މަހު ފެށި ވަރުގަދަ އަދި އަވަސް އަސްކަރީ ހަރަކާތްތަކުގައި ދެފަރާތުން އެތައް ސަތޭކަ ހަނގުރާމަވެރިން މަރުވެފައިވާއިރު، އދ. ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 145،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ.
ޔަމަނަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އަދި 2014 ވަނަ އަހަރު އެ ގައުމުގައި ދާހިލީ ހަނގުރާމަ ފެށުނީއްސުރެ އުފެދިފައިވާ އިންސާނީ ބޮޑު ކާރިސާގެ ނުރައްކާތެރި އަސަރުތައް އަދިވެސް އެ ގައުމުން ދަނީ ތަހައްމަލްކުރަމުންނެވެ. -- އޭއެފްޕީ