ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ ސުކޫލުތަކުގެ ކިޔެވުން އެއް ހަފުތާގެ މުއްދަތަށް އޮންލައިންކޮށް ކުރިއަށް ގެންދަން ކުއްލި ގޮތަކަށް ހަމަޖައްސައިފި އެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ބުނި ގޮތުގައި، އާދީއްތަ ދުވަހު ސުކޫލްތަކުން ބެލެނިވެރިންނަށް ފޮނުވި އީމެއިލްތަކެއްގައި، މުޅި ހަފުތާއަށް ސުކޫލްތައް ބަންދުކޮށް، ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަން ސައޫދީ ކަމާބެހޭ އިދާރާތަކުން އަންގާފައިވާ ކަމަށް ބުނެފައިވެ އެވެ.

މި ނިންމުން ނިންމި ރަސްމީ ސަބަބެއް ސައޫދީ ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، މި ފިޔަވަޅު އަޅާފައި ވަނީ އަރަބި ގަލްފު ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވެ، ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

"ހުރިހާ ދަރިވަރުންނަށް އަސަރުކުރާ ފަދަ ނިންމުމެއް މުޅި ހަފުތާއަށް ނިންމާއިރު، އެކަމުގެ ސަބަބުތައް ބެލެނިވެރިންނަށް ސާފުކޮށްދީ، ދެފުށް ފެންނަ ގޮތަށް މުއާމަލާތްކުރަން ޖެހޭނެ،" ނަން ހާމަނުކުރުމަށް އެދި އޭއެފްޕީއަށް ވާހަކަދެއްކި، ރިޔާޟްގައި ދިރިއުޅޭ ބެލެނިވެރިއަކު ބުންޏެވެ.

ރިޔާޟްގައި ދިރިއުޅޭ ލުބުނާނު މީހަކު ބުނީ، މިއީ ވަރަށް ކުއްލި ގޮތަކަށް ނިންމި ނިންމުމެއް ކަމަށާއި، ވާނުވާ އޮޅުންނުފިލާ ކަމަށެވެ.

މި އެންގުން އައިސްފައި ވަނީ ޔަމަނުގެ ހޫތީން ސައޫދީއަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތަކެއް، ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ގޮއްވާލައި ނައްތާލި ކަމަށް ބުނިތާ މާގިނައިރުތަކެއް ނުވަނީހެވެ.

ޖުލައި މަހުން ފެށިގެން ހޫތީން ދެމުންދާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ ސަބަބުން ވަނީ އަހަރުތަކަކަށް ދެމިގެންދިޔަ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ރޫޅި، ޔަމަން ވަނީ މެދުއިރުމަތީގެ ފުޅާ ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުން ވެސް ވަނީ ހޫތީން ސައޫދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރަމުންދާތީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި މި ހަމަލާތަކުގައި އާންމުންގެ ގިނަ ބަޔަކަށް، އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާވަމުންދާކަން އެ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.