ސައޫދީ އަރަބިއްޔާގެ އަވަށްޓެރި ޔަމަންގައި އަލުން ހަނގުރާމަ ފެށުނު ފަހުން، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟް އަށް ވައިގެ ހަމަލާއެއްގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ރޭ ފުރަތަމަ ފަހަރަށް ނެރެފި އެވެ.
އޭއެފްޕީގެ ނޫސްވެރިން ބުނި ގޮތުގައި ފަތިހު މި އެލާޓް ކެންސަލް ކުރުމުގެ ކުރިން ވަނީ ރިޔާޟުން ބާރުގަދަ ގޮވުންތަކެއް އަޑު ވެސް އިވިފަ އެވެ.
ޖުލައި މަހު ޔަމަންގެ ދާހިލީ ހަނގުރާމަ އަލުން ފެށުނު ފަހުން، ހޫތީން ދަނީ ސައޫދީގެ މަދަދާ އެކު ހަރަކާތްތެރިވާ ޔަމަން ސަރުކާރުގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. އަދި އެ ޖަމާއަތުން ވަނީ ރިޔާޟާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކޮށް، ރަތްކަނޑުގައި ދަތުރުކުރާ ސައޫދީގެ އުޅަނދުފަހަރަށް ހަމަލާދޭން ފަށައިފަ އެވެ.
މިއީ މި ނުވަތަނަވަސްކަން ސައޫދީގެ ވެރިރަށާ ހަމައަށް ފޯރި ފުރަތަމަ ފަހަރެވެ. އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ގާތްގަނޑަކަށް ހަތް މަސް ވެފައިވާއިރު، ކުރިންވެސް ލޮޅުން އަރާފައިވާ ދުނިޔޭގެ އިގްތިސާދަށް މިކަމުގެ ސަބަބުން އިތުރު ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
"މި ސަރަހައްދަށް ވަނީ ދުޝްމަނުންގެ ވައިގެ ހަމަލާއެއްގެ ނުރައްކާ ކުރިމަތިވެފައި،" ސައޫދީ ވެރިރަށުގެ ރައްޔިތުންނަށް ފަތިހު 3:00 (ޖީއެމްޓީން މެންދަމު 12:00) ގެ އިރުކޮޅެއް ކުރިން ލިބުނު އިންޒާރުގެ މެސެޖުގައިވެ އެވެ.
އެ މެސެޖުގައި ވަނީ ބޭރަށް ނުގޮސް ގޭގޭގައި ތިބުމަށް އިލްތިމާސްކޮށްފަ އެވެ.
އޭގެފަހުން އޭއެފްޕީގެ ނޫސްވެރިންނަށް ދެ ގޮވުމެއްގެ އަޑު އިވިފައިވާ އިރު، އޭގެ ގާތްގަނޑަކަށް ބައިގަޑިއިރު ފަހުން ސައޫދީ އަރަބިއްޔާގެ ސިވިލް ޑިފެންސް އޭޖެންސީން ވަނީ އެ އިންޒާރު ކެންސަލްކޮށްފަ އެވެ.
އެކި ސަރަހައްދުތަކުގެ ރައްޔިތުންނަށް ފޮނުވި އިންޒާރުތަކުގައި ބުނެފައިވާ ނުރައްކަލާ ގުޅޭގޮތުން ސައޫދީ އަރަބިއްޔާއިން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި އެ ނުރައްކާ އައީ ކޮން ދިމާއަކުން ކަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.
މި ހާދިސާ ހިނގާފައި މި ވަނީ، ބުދަ ދުވަހު މައްކާއަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ ރިޔާޟުން ހޫތީންނަށް ތުހުމަތުކޮށް، އެއީ ކޮންމެ އަހަރަކު ވެސް ސުންނީ އަދި ޝީއީ އެތައް މިލިއަން އަޅުވެރިންނެއް ޒިޔާރަތްކުރާ އިސްލާމްދީނުގެ މުގައްދަސް ރަށަށް ދިން "ފިނޑި ޓެރަރިސްޓް ހަމަލާއެއް" ކަމަށް ބުނެ ކުށްވެރިކޮށްފައި ވަނިކޮށެވެ.
ނަމަވެސް ހޫތީން ވަނީ އެ ތުހުމަތުތައް ވަރަށް ބޮޑަށް އިންކާރުކޮށް، އެއީ "އެންމެން ދަންނަ ދޮގެއް" ކަމަށް ބުނެފަ އެވެ.
ނަމަވެސް މި މަހު ހޫތީން ދިން ކުއްލި ހަމަލާތަކަށް ފަހު ޔަމަންގެ ރަތްކަނޑުގެ މުޅި އައްސޭރިފަށުގެ ކޮންޓްރޯލް ހޯދައި، ބާބުލް މަންދަބް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދި ފަހުން، ސައޫދީން ކޮންމެ ދުވަހަކު ބަދަލުހިފުމުގެ ހަމަލާދޭ ކަމަށް ހޫތީން ބުންޏެވެ.
ޔަމަންގެ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު ހޫތީން ވެރިރަށް ސަންއާ އާއި އެހެނިހެން ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދުމުންނެވެ. އެއާ އެކު 2015 ވަނަ އަހަރުގެ މާޗް މަހު ސައޫދީ އަރަބިއްޔާ އިސްވެ އޮވެ އަސްކަރީ ގޮތުން އެ ހަނގުރާމައިގެ ތެރެއަށް ވަދެ ހޫތީންނާ ދެކޮޅަށް ތެދުވި އެވެ.
ހަނގުރާމަކުރާ ފަރާތްތަކުގެ މެދުގައި 2022 ވަނަ އަހަރު ވި ސުލްހައިގެ އެއްބަސްވުން ޖުލައި މަހު ރޫޅުނީ، އީރާނަށް ތާއީދުކުރާ ހަނގުރާމަވެރިން ޔަމަންގެ ވައިގެ ސަރަހައްދަށް ސައޫދީން ފޯރުވާ ކޮންޓްރޯލަށް ގޮންޖަހައި، އީރާނުގެ މަތިންދާބޯޓެއް ޔަމަނަށް ޖެއްސުމުގެ ހުއްދަ ދިނުމުންނެވެ.