ޔަމަންގެ ހޫތީ ހަނގުރާމަވެރިން މައްކާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް އެ ސަރަހައްދަށް ވަނުމުގެ ކުރިން ވައްޓާލާފައިވާ ކަމަށާއި ހަމަލާތަކުގެ ނުރައްކާ ދެ ހަރަމްފުޅާއި އަޅުވެރިންނަށް ފޯރަން ފަށައިފި ނަމަ އެއީ ރަތް ރޮނގު ފަހަނަޅައި ދިއުން ކަމަށް ބުނެ ސައޫދީ ކޯލިޝަނުން އިންޒާރު ދީފި އެވެ.
ހޫތީންގެ ނުަރައްކަލާ ދެކޮޅަށް، ސައޫދީ އިސްވެ އޮންނަ ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ ވިދާޅުވީ މައްކާ ސަރަހައްދުގައި ވަނުން މަނާ ވައިގެ ސަރަޙހައްދަށް ހޫތީންގެ ޑްރޯން ވަނުމުގެ ކުރިން އިންޓަސެޕްޓްކޮށް ވައްޓާލާފައިވާ ކަމަށެވެ. އޭގެ ބައިތައް ވެއްޓުނީ މައްކާގެ ދެކުނަށް ކަމަށް ކޯލިޝަނުން ބުންޏެވެ.
މާލިކީ ވިދާޅުވި ގޮތުގައި މިއީ މައްކާއަށް ހަމަލާ ދިނުމަށް ހޫތީން މަސައްކަތްކުރި ދެ ވަނަ ފަހަރެވެ. އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ހަމަލާދޭން މަސައްކަތްކުރީ ޖުލައި 27، 2017 ގަ އެވެ.
މި ހާދސާ ހިނގާފައިވަނީ ހޫތީން ޚަމީސް މުޝައިތު، އަބްހާ އަދި ތާއިފަށް ދިން މިސައިލާއި ޑްރޯން ހަމަލާތަކުގައި އާންމުންގެ 13 މީހުން ޒަހަމްވެ، ހަތް ގެއަކަށާއި ދެ ވެހިކަލަކަށް ގެއްލުންވި ކަމަށް ކޯލިޝަނުން ބުނިތާ އެއް ދުވަސް ފަހުންނެވެ.
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރުގެ ސިފައިންނާއި ހޫތީންނާ ދެމެދު ކުރިމަތިލުންތައް ވަނީ އިތުރުވެފަ އެވެ. ހޫތީން، ވެރިރަށް ސަންއާ އާއި އެތައް ޕްރޮވިންސެއް 2014 ވަނަ އަހަރު ހިފުމާ ގުޅިގެން، ސައޫދީ އިސްވެ އޮންނަ އަރަބި ކޯލިޝަނުން، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރަށް ތާއީދުކޮށް 2015 ގައި ހަނގުރާމައިގެ ތެރެއަށް ވަން ފަހުން، އެ ގައުމު ވަނީ ހަނގުރާމައިގެ ތެރެއަށް ގެނބިފަ އެވެ.