ސައޫދީގެ ފައިޓަ ޖެޓެއް ވައްޓާލާފައިވާ ކަމަށާއި، އެ ބޯޓަށް ހަމަލާދިނުމަށް ބޭނުންކޮށްފައިވަނީ އަމިއްލައަށް އުފައްދާފައިވާ ހަތިޔާރު ކަމަށް ޔަމަނުގެ ހޫތީން މިއަދު ބުނެފި އެވެ.

"މައާރިބް ޕްރޮވިންސްގެ ވައިގެ ސަރަހައްދުގައި އެ މީހުންގެ އަސްކަރީ ހަރަކާތްތަކަށް ވާގިވެރިވުމުގެ ގޮތުން ދެކޮޅުވެރިކަމުގެ އަމަލުތައް ހިންގަމުން ދަނިކޮށް، ޔަމަންގެ އަސްކަރީ ބާރުތަކުން، ﷲގެ މަދަދާއި ރަހުމަތަކާ އެކު، ސައޫދީގެ އެފް15 ފައިޓަ ޖެޓެއް ވައްޓާލުމުގައި ކާމިޔާބުވެއްޖެ،" ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއީ ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.

ސައޫދީ އަރަބިއްޔާއިން މިހާތަނަށް 450 ހަމަލާ ދީފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކުރި އެވެ. އޭނާ ބުނި ގޮތުގައި އެ ޖެޓަށް ހަމަލާދީފައިވަނީ "އަމިއްލައަށް އުފައްދާފައިވާ ވައިގެ ތެރެއިން ވައިގެ ތެރެއަށް ފޮނުވާލާ މިސައިލެއް" ބޭނުންކޮށްގެންނެވެ.

މީގެ އިތުރުން، މި ހަފުތާގައި ހޫތީން މައްކާ ސަހަރަށް ހަމަލާދީފައިވާ ކަމަށް ސައޫދީން ކުރާ ތުހުމަތުތައް ވެސް ތަރުޖަމާނު ވަނީ ދޮގުކޮށްފަ އެވެ.

"އަހަރެމެންގެ ހަރަކާތްތައް އަމާޒުކުރަނީ އެ މީހުންގެ ތެޔޮ އުފައްދާ ވަސީލަތްތަކަށާއި އަސްކަރީ މަރުކަޒުތަކަށް، މިއީ ހުރުމަތްތެރިވެގެންވާ ބިންތަކާ ވަރަށް ދުރުގައިވާ ތަންތަން،" އޭނާ ބުންޏެވެ.

ޖުލައި މަހު ޔަމަނުގެ ދާހިލީ ހަނގުރާމަ އަލުން ފެށުނީއްސުރެ، ހޫތީން ދަނީ ސައޫދީގެ މަދަދުލިބޭ ޔަމަން ސަރުކާރުގެ ބާރުތަކާ އަލުން ހަނގުރާމަކުރަމުންނެވެ.

މި ޖަމާއަތުން ވަނީ ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާންކޮށް، ރަތްކަނޑުގައިވާ ސައޫދީގެ އުޅަނދުފަހަރަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށައިފަ އެވެ.

މިދިޔަ ހަފުތާގައި ދިން ކުއްލި ނުރައްކާތެރި ހަމަލާއެއްގައި، ހޫތީން ވަނީ ޔަމަނުގެ ރަތްކަނޑުގެ މުޅި އައްސޭރިފަށާއި ބާބުލް މަންދަބް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް ހޯދައިފަ އެވެ. ހޮރްމުޒް ކަނޑުއޮޅި ބަންދުވެ ވިޔަފާރީގެ ހަރަކާތްތަކަށް ހުރަސްއެޅިފައި ވާއިރު ބާބުލް މަންދަބް ކަނޑުއޮޅިއަކީ ސައޫދީގެ ތެލާއި މުދާ ބޭރުކުރުމަށް ވަރަށް މުހިންމު ތަނަކަށް ވަނީ ވެފަ އެވެ. -- އޭއެފްޕީ