ޔަމަންގެ ހޫތީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެން ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓް އޮޕަރޭޝަންތަކަށް ބުރޫ އެރުމަށް ފަހު އަލުން އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށް ބުނެފި އެވެ.

ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ޖިއްދާ އާއި އެ ގައުމުގެ އެހެން ބައެއް ސިޓީތަކަށް ނެރުނު "ނުރައްކަލުގެ އިންޒާރު" މިހާރު ވަނީ އުވާލައިފަ އެވެ.

ސައުދީ ސިވިލް ޑިފެންސުން ވަނީ ހޯމަ އަދި އަންގާރަ ދުވަހު ޖިއްދާ، ތާއިފް، އަބްހާ، ޖާޒާން، އަލްއުލާ، އަދި ޔަންބުއު ހިމެނޭހެން ބޮޑެތި ސިޓީތަކަކަށް ކުއްލި ނުރައްކަލުގެ އިންޒާރު ނެރުނެވެ. އަދި އާންމު ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭގައި ތިބުމަށާއި އަދި ކުޑަދޮރުތަކާ ދުރުގައި ތިބުމަށް އެދުނެވެ.

އެއާޕޯޓުގެ މަސައްކަތްތަކަށް ބުރޫއަރައި، ވައިގެ ސަރަހައްދު ބަންދުކުރަން ޖެހުނީ ޔަމަނުގެ ހޫތީ ޖަމާއަތުން ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެންނެވެ. ހޫތީން، ޚަމީސް މުޝައިތުގައި ހުންނަ އަސްކަރީ ވައިގެ މަރުކަޒަކަށް ދިން ހަމަލާތަކުގައި އާންމުންގެ 13 މީހަކަށް އަނިޔާވެފައިވެ އެވެ.

ފްލައިޓް ޓްރެކިންގް ޑޭޓާތަކުން ދައްކާ ގޮތުގައި މިހާރު ވައިގެ ސަރަހައްދު ވަނީ ހުޅުވާލައިފަ އެވެ. އަދި އިންޒާރު ނެރުނު ހަ ސިޓީއަށް ވެސް މިހާރު އޮތް ނުރައްކާ ފިލާފައިވާ ކަމަށް ސައުދީގެ ކަމާބެހޭ އިދާރާތަކުން ވަނީ އިއުލާންކޮށްފަ އެވެ.

މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ފްލައިޓްތަކުގެ އެންމެ ފަހުގެ ޝެޑިއުލްތައް ބެލުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އެއާޕޯޓުގެ ހިދުމަތްތައް އާންމު ހާލަތަކަށް އައި ނަމަވެސް، މި ހަމަލާތަކާ ގުޅިގެން ސަރަހައްދީ މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކޮށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.