ޔަމަންގެ ހުޅަނގު ދެކުނު ސަރަހައްދުގައި ސަރުކާރުގެ ސިފައިންނާއި އިރާނުގެ މަދަދާ އެކު ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު އާދީއްތަ ދުވަހުގެ ނިޔަަލަށް 300 އަށްވުރެ މައްޗަށް އަރައިފި އެވެ.
ހަމަނުޖެހުންތަކާ ހެދި ރައްކާތެރިކަން ހޯދަން އެ ސަރަހައްދު ދޫކޮށް ދިޔަ މީހުންގެ އަދަދު ވެސް ހާހުން ގުނޭ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
ސައޫދީގެ މަދަދުލިބޭ ޔަމަން ސަރުކާރުގެ ސިފައިންގެ ދެ މަސްއޫލުވެރިއަކު އޭއެފްޕީއަށް ވިދާޅުވީ، ހޮނިހިރު ދުވަހުގެ މެންދުރެއްހާއިރުން ފެށިގެން އާދީއްތަ ދުވަހުގެ ހެނދުނާ ހަމައަށް އެ މީހުންގެ 84 ސިފައިން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވީ މިސައިލް ހަމަލާތަކުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ހޫތީންގެ އަސްކަރީ ހަތަރު މަސްދަރަކުން ބުނެފައިވަނީ އެ މުއްދަތުގެ ތެރޭގައި އެ ޖަމާއަތުގެ ވެސް 57 ހަނގުރާމަވެރިއަކު މަރުވެފައިވާ ކަމަށެވެ.
ދެފަރާތުގެ ދެމެދުގައި ހަނގުރާމަ ވަރުގަދަވެފައިވަނީ ރަތްކަނޑަށް ވަދެވެން އޮންނަ މުހިންމު ސަރަހައްދެއްގެ ކޮންޓްރޯލް ހޯދުމަށެވެ. މިއީ 2022 ވަނަ އަހަރު ގާއިމުކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ޖުލައި މަހު އުވިގެން ދިޔަފަހުން، އަރަބި ޕެނިންސިއުލާގެ އެންމެ ދެކުނަށް އޮތް މި ގައުމުގައި ހިނގާ އެންމެ ނުރައްކާތެރި ހަމަނުޖެހުމެވެ.
ޔަމަންގެ ތާއިޒް ގަވަރުނަރޭޓްގެ މަގްބަނާ އަދި ޖަބަލް ހަބަޝީ ދޫކޮށް ދިޔަ އާއިލާތަކުން ހޮނިހިރު ދުވަހު ވަނީ ގެދޮރުގެއްލިފައިވާ މީހުންނަށް ހާއްސަ އަލް-ބަރީން ކޭމްޕުން ރައްކާތެރިކަން ހޯދައިފަ އެވެ.
ގެދޮރުގެއްލިފައިވާ މީހުން އެ މީހުންގެ ތަންމަތިތަކާއި ގެރިބަކަރި ފަދަ ތަކެއްޗާ އެކު އެ ސަރަހައްދުގެ އެހެން ކޭމްޕެއްގައި ވަގުތީ ފުރާޅުތައް ހަދަން އުޅޭތީ އާދީއްތަ ދުވަހު، އޭއެފްޕީގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.
ހޫތީން ބުރާސްފަތި ދުވަހު ފެށި ނުރައްކާތެރި ހަމަލާތަކުގެ މަގުސަދަކީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ އަދި ހަމަލާތައް އަމާޒުވަމުންދާތާ ހަފުތާތަކެއް ވެފައިވާ ބަނދަރުމަތީ ރަށް މޮޚާ އެކަހެރިކޮށް، ބާބުލް މަންދަބު ކަނޑުއޮޅިއާ ގުޅިފައިވާ ސަރަހައްދުތަކަށް ވަނުމެވެ.
ސަރުކާރުގެ އަސްކަރީ މަސްއޫލުވެރިއަކު އޭއެފްޕީއަށް ވިދާޅުވީ، ހޮނިހިރު ދުވަހުގެ އިރުއޮއްސުނުއިރު "ތާއިޒް އާއި މޮޚާ ގުޅުވައިދޭ މަގު ބަންދުކުރުމުގައި" ހަނގުރާމަވެރިން ކާމިޔާބު ހޯދާފައިވާ ކަމަށެވެ.
ދެފަރާތުގެ އަސްކަރީ އަދި މެޑިކަލް މަސްދަރުތަކުން އޭއެފްޕީއަށް ދިން މައުލޫމާތުގެ މައްޗަށް ބަލާއިރު، ހޫތީންގެ މި ހަމަލާތައް ފެށުނު ފަހުން 300 އަށްވުރެ ގިނަ ހަނގުރާމަވެރިންނާއި ބައެއް އާންމުން ވަނީ މަރުވެފަ އެވެ.
އދ. ގެ އިންސާނީ އެހީތެރިކަމާ ބެހޭ އެޖެންސީ (އޯޗާ) އިން ހުކުރު ދުވަހު ބުނެފައިވާ ގޮތުގައި މަގްބަނާ އަދި ޖަބަލް ހަބަޝީ ސަރަހައްދުގައި ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކުގެ ސަބަބުން 1,790 އާއިލާއެއްގެ ގެދޮރު ވަނީ ގެއްލިފަ އެވެ.