ޔަމަންގައި ހަރަކާތްތެރިވާ، އީރާނަށް ތާއީދުކުރާ ހޫތީ ހަނގުރާމަވެރިން އެ ގައުމުގެ ރަތްކަނޑުގެ އައްސޭރިފަށުގެ ފުރިހަމަ ކޮންޓްރޯލް ހޯދައިފި އެވެ.

ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ޔަމަން ސަރުކާރުގެ އަސްކަރީ އޮފިޝަލަކު ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، ހޫތީން ދިން ހަލުވި އަދި ވަރުގަދަ ހަމަލާތަކެއްގައި ވަނީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ހުޅަނގު އައްސޭރިފަށުގެ ހުރިހާ ސަރަހައްދެއް އެއްކޮށް ހޫތީންގެ އަތްދަށަށް ގޮސްފަ އެވެ.

ހޫތީން ވަނީ ތާރީހީ އަދި ސްޓްރެޓީޖިކް ގޮތުން މުހިންމު ބަނދަރު ރަށެއް ކަމަށްވާ މޮޚާ  އެއްކޮށް ހިފައިފަ އެވެ. އަދި އޭގެ ފަހުން އައްސޭރިފަށުގެ ރަށެއް ކަމަށްވާ ޒުބާބަށް ވެސް ވަނީ އަރައިފަ އެވެ.

ސަރުކާރުގެ ސިފައިން ވަނީ ބާބުލް މަންދަބު ކަނޑުއޮޅީގެ މެދުގައި އޮންނަ މުހިންމު ރަށެއް ކަމަށްވާ މައްޔޫން އިން އެއްކޮށް ފައިބައިފަ އެވެ. މީގެ އިތުރުން ހަނީޝް ޖަޒީރާތައް ވެސް މިހާރު އޮތީ ހޫތީންގެ ބާރުގެ ދަށުގަ އެވެ.

މައްޔޫން ހޫތީންގެ ދަށަށް ދިއުމާ އެކު، ރަތްކަނޑަށް ވަދެ ނުކުމެވޭ ދެކުނު ދޮރާށީގެ ފުރިހަމަ ކޮންޓްރޯލް ހޫތީންނަށް ލިބި، ދުނިޔޭގެ ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރާ މައި މަގު ވަނީ އެމީހުންގެ ބާރުގެ ދަށަށް ގޮސްފަ އެވެ.

ޔަމަނުގެ ހުޅަނގު އައްސޭރިފަށް ސަރުކާރުގެ އަތުން ގެއްލުމަކީ ފާއިތުވި އަހަރުތަކުގައި އެގައުމުގެ ދާޚިލީ ހަނގުރާމައަށް އައި އެންމެ ބޮޑު އެއް ބަދަލެވެ.

އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ދަނޑިވަޅެއްގައި، ހޫތީން ރަތްކަނޑުގެ ކޮންޓްރޯލް ހޯދުމާ އެކު، ދުނިޔޭގެ ކަނޑުމަގުން ކުރާ ވިޔަފާރީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މިހާރު އޮތީ ބޭރުގެ ނުރައްކާތަކަށް ހުޅުވިފަ އެވެ. އަދި ސައޫދީ އަރަބިއްޔާއިން ތެޔޮ އެކްސްޕޯޓް ކުރުމުގައި ރެޑް ސީއަށް ބޮޑަށް ބަރޯސާވާއިރު، ހޫތީންގެ މި ކުރިއެރުމަކީ ސައޫދީގެ ތެލުގެ ވިޔަފާރި އަށް އިތުރު އުނދަގޫތައް ކުރިމަތިކުރާނެ ކަމެކެވެ. މީގެ އިތުރުން މި ހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ފުރިހަމަ އެހީތެރިކަން ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހޫތީން ބުނެފައިވަނީ ބައިނަލްއަގުވާމީ އާންމު އުޅަނދުތަކަށް ހުރަސް އަޅަން ނޫޅޭ ކަމަށެވެ. ނަމަވެސް ސައޫދީ އަރަބިއްޔާއަށް ނިސްބަތްވާ ކޮންމެ އުޅަނދަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވަނީ ތަކުރާރުކޮށްފަ އެވެ. މިކަމާ ގުޅިގެން، ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ދަނީ ހޫތީން އަލަށް ހިފި މޮޚާ އެއާޕޯޓް ހިމެނޭހެން ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.