ޔޫރަޕާއި އޭޝިއާ ގުޅުވައިދޭ މުހިންމު ކަނޑުދަތުރުފަތުރުގެ މަގެއްގެ ކޮންޓްރޯލް ހޯދާފައިވާ، އީރާނަށް ތާއީދުކުރާ ޔަމަންގެ ހޫތީ ހަނގުރާމަވެރިން ވަނީ އެ މީހުންގެ ކަންކަމުގެ ތެރެއަށް އެމެރިކާ ނުވަނުމަށް އެދިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.
ހޫތީން ވަނީ އަވަސް ހަމަލާތަކެއް ދީ، ސްޓްރެޓީޖިކް ގޮތުން މުހިންމު ތިން ޖަޒީރާއެއް ހިފުމަށްފަހު، ޔަމަންގެ ރަތްކަނޑުގެ މުޅި އައްސޭރިފަށުގެ ކޮންޓްރޯލް ނަގައިފަ އެވެ. މިއީ އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ސައޫދީ އަރަބިއްޔާއިން ތެޔޮ ފޮނުވުމަށް ބަރޯސާވާ ސަރަހައްދެވެ.
"ހޫތީން ގުޅާފައި ބުނެފައިވަނީ އަހަރެމެންނާ ހަނގުރާމަކުރަން ބޭނުންނުވާ ކަމަށް،" އަޔަލެންޑްގެ ޑަބްލިންއަށް ކުރެއްވި ޒިޔާރަތެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.
"އެ މީހުން ބޭނުމެއް ނުވޭ އަހަރެމެން އެ މީހުންގެ ފަހަތުންދާކަށެއް،" އެ ސަރަހައްދުގެ "ހުރިހާ ކަމެއް ވެސް ރަނގަޅުވެ، އަދި އަމާންވާނެ" ކަމަށް ފާހަގަކުރައްވަމުން ޓްރަމްޕު ވިދާޅުވި އެވެ.
މީގެ އިތުރުން، ޓްރަމްޕް ވަނީ އޭނާގެ "އެކުވެރި" ސައޫދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ވާހަކަދެއްކެވި ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެމެރިކާގެ އެކްސިއޯސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު މުހައްމަދު ވަނީ ދެ ފަހަރެއްގެ މަތިން ޓްރަމްޕަށް ގުޅުއްވައި ހޫތީންނަށް އެމެރިކާއިން ހަމަލާދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ޓްރަމްޕު އެކަމަށް އިންކާރު ކުރެއްވީ ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.
މި ހަފުތާގައި ހޫތީން ވަނީ ގިނަ އަދަދެއްގެ ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން ސައޫދީ އަރަބިއްޔާގެ ތެޔޮ ކާރުހާނާތަކަށް ވެސް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. -- އޭއެފްޕީ