ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި، ރަތް ކަނޑު އަދި ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ކުރިމަތިކުރަމުންދާ ނުރައްކާތައް އދ. ގެ ސަލާމަތީ މަޖިލީހުން "ހަރުކަށި އިބާރާތުން" ކުށްވެރިކޮށްފި އެވެ.

ސެކިއުރިޓީ ކައުންސިލްގެ މިހާރުގެ ރިޔާސަތު ބަލަހައްޓަވާ ފްރާންސުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެރޯމް ބޮނަފޮންޓް ނެރުއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވީ، ސައުދީގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް، ހާއްސަކޮށް ޔަންބޫގެ ތެޔޮ ކާރުހާނާތަކަށް އަމާޒުކޮށް ހޫތީން ދެމުންދާ ހަމަލާތަކުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ އަދަދެއްގެ އާންމުންނަށް އަނިޔާވަމުންދާ ކަމަށެވެ. 

ހޫތީން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކާއި އާންމުންނަށް އަމާޒުކޮށްދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ކައުންސިލުން ވަނީ ގޮވާލައިފަ އެވެ. އަދި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ރައްކާތެރިކުރުމަށްޓަކައި، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކަށްފުރިހަމައަށް ބޯލެނބުމަށް ވެސް ގޮވާލާފައިވެ އެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، އަމިއްލަ ނަފްސާއި ގައުމު ދިފާއުކުރުމުގެ ފުރިހަމަ ހައްގު ސައުދީ އަރަބިއްޔާއަށް ލިބިގެންވާކަން ސެކިއުރިޓީ ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.

މި މަހުގެ ތެރޭގައި ހޫތީން ޔަމަނުގެ ހުޅަނގު އައްސޭރިފަށުގެ ބޮޑު ސަރަހައްދެއް ހިފައި، ސައުދީގެ ތެޔޮ ޓޭންކަރުތަކަށް ހަމަލާދީ ކަނޑުގެ މަގުތައް ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އދ. ގެ ހިއުމެނިޓޭރިއަން އޮފީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން މި މަހު  އެކަނިވެސް 125,000 އަށްވުރެ ގިނަ އާންމުން ވަނީ ގެދޮރު ދޫކޮށްދާންޖެހިފަ އެވެ.

މި ހަމަލާތަކާ ގުޅިގެން ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އަސްކަރީ އިސްވެރިން ދަނީ "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" ގެ ދަށުން ސައުދީގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކުއްލި މަޝްވަރާތައް ބާއްވަމުންނެވެ. އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން ހޫތީންނަށް ވާގިވެރިވަނީ އީރާނުން ކަމަށް ތުހުމަތުކުރި ނަމަވެސް، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، ހޫތީން އަމަލުކުރަނީ އަމިއްލަ އިހުތިޔާރުގައި ކަމަށް ވިދާޅުވެފަ އެވެ.