ރިޔާޟް (ސެޕްޓެމްބަރު 19، 2026): ސައުދީ އަރަބިއްޔާގެ ރިޔާޟްގައިވާ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓް ކައިރިން މިއަދު ކަޅުދުން އަރާ މަންޒަރު ފެނިފައިވާ ކަމަށާއި އެ އެއާޕޯޓަށް ކުރާ ދަތުރުތަކަށް ބުރޫއަރާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި އެއާޕޯޓާ ދާދި ކައިރިން ބޯކޮށް ކަޅުދުން އަރާ މަންޒަރު މިއަދު ފެނުނެވެ. ބައެއް މަސްދަރުތަކުން ބުނިގޮތުގައި ދުން އަރަމުންދާތަން ފެނުނީ އެއާޕޯޓް ސަރަހައްދުގައި ހުންނަ ތެޔޮ ރައްކާކުރާ ތަނަކުންނެވެ.
އެ ސަރަހައްދުގެ ރަށްވެހިންނަށް ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފްލައިޓްތައް ޓްރެކްކުރާ 'ފްލައިޓްރޭޑާ24' އިން ހާމަކޮށްފައިވާ ގޮތުގައި، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ވަނީ "ބޮޑެތި މައްސަލަތަކެއް" ކުރިމަތިވެފަ އެވެ. އަދި އެއާޕޯޓުގެ ޑިސްރަޕްޝަން އިންޑެކްސް ވަނީ އެންމެ މަތީ ދަރަޖަ (5.0) އަށް އުފުލިފަ އެވެ.
އޭގެ ސަބަބުން ގިނަ ފްލައިޓްތަކެއް ކެންސަލްކުރި އިރު އަނެއްބައި ފްލައިޓްތައް ވަރަށް ބޮޑަށް ލަސްވި އެވެ.
އެ ހާދިސާ ހިނގީ ރިޔާޟް އަދި އަލް-ޚަރްޖް ސަރަހައްދަށް "ވައިގެ މަގުން ނުރައްކަލެއް" އޮތް ކަމަށް ބުނެ ސައުދީ ސިވިލް ޑިފެންސްއިން ކުއްލި އެލާޓެއް ނެރުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބާ ގުޅޭގޮތުން ސައުދީ ސަރުކާރުގެ ރަސްމީ އިދާރާތަކުން އަދި އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އެއާޕޯޓްގެ ކައިރިން ދުންއަރާ މަންޒަުރު ފެނިފައި މިވަނީ ސަައުދީ އަރަބިއްޔާއާ ދެކޮޅަށް ުޔަމަނުގެ ހޫތީން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ވަގުތެއްގަ އެވެ.