ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައިވާ ހުރިހާ ސަރަހައްދުތަކެއް އަނބުރާ ހޯދައި، ދައުލަތުގެ ބާރު މުޅި ގައުމަށް ހިންގުމަށްޓަކައި އަސްކަރީ އާ އޮޕަރޭޝަނެއް ފަށައިފިކަން އެ ގައުމުގެ ލީޑަރު އާދީއްތަ ދުވަހު އިއުލާނުކުރައްވައިފި އެވެ.
މިކަން އިއުލާން ކުރެއްވީ ހޫތީން އިތުރު ކުރިއެރުންތަކެއް ހޯދައި، ސަރުކާރުގެ ބާރުގެ ދަށުގައިވާ މުހިންމު ސިޓީއެއް ވަށާލާފައިވާ ދަނޑިވަޅެއްގަ އެވެ.
"ބާކީ ހުރި ސަރަހައްދުތައް މިނިވަންކޮށް، ދައުލަތާއި ދައުލަތުގެ މުއައްސަސާތަކުގެ ބާރު މުޅި ގައުމަށް ހިންގުމަށްޓަކައި އަސްކަރީ އޮޕަރޭޝަންތައް ފެށިކަން މިއަދު އިއުލާން ކުރަން،" ޔަމަނުގެ ރިޔާސީ ކައުންސިލުގެ ވެރިޔާ ރަޝާދު އަލް-އަލީމީ ވިދާޅުވި އެވެ.
ހޫތީންގެ ކިބައިން ގައުމު މިނިވަންވަންދެން ކަނޑައެޅިފައިވާ ރޭވުންތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް ސިފައިންގެ އެންމެހައި މުއައްސަސާތަކަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
މިކަން އިއުލާނުކުރީ، ހިސާރުކޮށްފައިވާ ތާއިޒް ސިޓީ އާއި ސަރުކާރުގެ ވަގުތީ ވެރިރަށް އަދަން ގުޅުވައިދޭ މުހިންމު މަގު ހޫތީން ބަންދުކޮށްލިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގަ އެވެ.
ސަލާމަތީ ބާރުތަކުގެ މަސްދަރުތަކުން ބުނާ ގޮތުގައި، ހޫތީން ވަނީ އަލް-ސަފިއްޔާ ސަރަހައްދުގެ ބާރު ހޯދައި، ފުލުހުންގެ އިދާރާއަށް އަތްގަދަކޮށް، މަގުގެ ދަތުރުފަތުރު ހުއްޓުވައިފަ އެވެ . މިއާއެކު ތާއިޒް ސިޓީ ވަނީ އެތަނުގެ ވަށައިގެން ހޫތީންގެ ބާރުގެ ދަށަށް ގޮސްފަ އެވެ.
އިއްޔެ އާއި އޭގެ ކުރީ ދުވަހު ތާއިޒްގެ ހުޅަނގު ސަރަހައްދުތަކުގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި 70 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ދެފަރާތުގެ މަސްދަރުތަކުން ކަށަވަރުކޮށްދެ އެވެ. މީގެ ތެރޭގައި ސަރުކާރުގެ 34 ސިފައިންނާއި ހޫތީންގެ 39 ހަނގުރާމަވެރިން ހިމެނެ އެވެ.
އަނެއްކޮޅުން، ސައޫދީ އަރަބިއްޔާގެ ކަންކަމާ ގުޅުވައިގެން މަސްރަހު ވަނީ އިތުރަށް ހޫނުވެފަ އެވެ. ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރިއު ވިދާޅުވީ، ރިޔާޟް އަދި އިރުމަތީގެ ހުރައިސް ސަރަހައްދުގައިވާ ސައޫދީގެ އަރާމްކޯ ކުންފުނީގެ ތެލުގެ ވަސީލަތްތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އަސްކަރިއްޔާއިންނާއި ސައޫދީ އިއްތިހާދުން ވެސް ވަނީ ސަންއާ އާއި ސައުދާ ހިމެނޭހެން ހޫތީންގެ ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފަ އެވެ.
ޔަމަނުގައި 2014 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ ދާހިލީ ހަނގުރާމައިގެ ސަބަބުން އެ ގައުމު ވަނީ ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ނިކަމެތިކަމާއި ފަގީރުކަން ތަހައްމަލުކުރާ އެއް ގައުމަށް ވެފަ އެވެ. -- އޭއެފްޕީ