ސައުދީއަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއާ އެކު، ޔަމަނުގައި ސައުދީ ސަރުކާރުގެ މަދަދު ލިބޭ ހަނގުރާމަވެރިންނާއި އެ ގައުމުގެ ބޮޑެތި ގިނަ ސަހަރުތައް ކޮންޓްރޯލްކުރާ ހޫތީންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ވަރުގަދަވެއްޖެ އެވެ.
ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ދިން ހަމަލާގައި 12 މީހަކު މަރުވުމުން ސައުދީ ސަރުކާރުން ބުނީ އެ ހަމަލާގެ ބަދަލު ވަރުގަދައަށް ހިފާނެ ކަމަށެވެ. އެ ހަމަލާގެ ޒިންމާ ހޫތީން އަދި އުފުލާފައި ނުވިޔަސް ސައުދީން ތުހުމަތުކުރި ގޮތުގައި އެއީ ހޫތީންގެ ހަމަލާއެކެވެ. އެއީ ހަނގުރާމައިގެ ބޮޑު ޖަރީމާއެއް ކަމަށް ވެސް ސައޫދީން ސިފަކުރި އެވެ.
ހަމަލާއާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނި ނަމަވެސް ސައުދީ އެއާޕޯޓްތަކަށް ދަތުރުކުރާ އެއާލައިންތަކަށާއި ދަތުރުވެރިންނަށާއި އެއާޕޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭ އިންޒާރު ހޫތީން މިއަދު ތަކުރާރު ކުރި އެވެ. އެ އިންޒާ މެދު ސީރިއަސްކޮށް ދެކެން ޖެހޭނެ ކަމަށް ވެސް އެ މީހުން ބުންޏެވެ.
ސައުދީއަށް އިއްޔެ ވަރުގަދަ ހަަމަލާއެއް ދިނީ ޔަމަނުގައި ސައުދީން މަދަދު ކުރާ އަދި ޔަމަނު ސަރުކާރުގެ ސިފައިން ކަމަށް ސައުދީ އާއި ބައިނަލްއަގުވާމީ މުޖުތަމައުން ބަލާ ލަޝްކަރުތަކާ ހޫތީންނާ ދެމެދު 2022 ވަނަ އަަހަރު ވެފައިވާ ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ އެއްބަސްވުން ނާކާމިޔާބުވެ ހަނގުރާމަ ވަރުގަދަވެފައި ވަނިކޮށެވެ.
ހަނގުރާމަ ފުޅާވެ، މުޅި ސަރަހައްދަށް ފެތުރިދާނެކަމުގެ ބިރު ބޮޑުވެފައި ވާއިރު ހޫތީންނާ ދެކޮޅަށް ސައުދީން ކުރާ ހަނގުރާމައިގައި އެމެރިކާ ބައިވެރިވެދާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕް ވަނީ ކުރައްވާފަ އެވެ.
މެދުއިރުމަތީގެ ކަންތައްތައް ބަލައި، ދިރާސާކުރާ އެމެރިކާގެ ތިންކްޓޭންކެއް ކަމަށްވާ ގަލްފް އިންޓަނޭޝަނަަލް ފޯރަމް ގެ އެގްޒެކެޓިވް ޑިރެކްޓަރު ދާނިއާ ސާފިރު "އަލްޖަޒީރާ" އަށް ވިދާޅުވެފައިވާ ގޮތުގައި ސައުދީން ހޫތީންނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބެލެވެ އެވެ.
"އަޅުގަނޑު އަދިވެސް ދެކެނީ ހަނގުރާމަ މަޑުޖައްސާލަން ސައުދީން ބޭނުންވާ ކަމަށް، ދިގު މުއްދަތަކަށް ހަނގުރާމަ ދަންމައިލަން އެ މީހުން ބޭނުމެއް ނުވޭ. އެކަމަކު ހޫތީން ދަނީ އެކަން [ހަނގުރާމަ މަޑުޖައްސާލުން] ވަރަށް އުނދަގޫ ކުރަމުން. އެއީ [ހޫތީންނަކީ] ސައުދީއަރަބިއްޔާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވެގެން އެކަންޏެއް ނޫން. އެކަމަކު ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ހުރި ނުރައްކަލަކަށް ވެސް ވެގެން،" ސާފިރުއާ ހަވާލާދީ، އަލްޖަޒީރާއިން ބުންޏެވެ.
ހޫތީން ރިޔާޟުގެ އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ 309 މީހުން ޒަހަމްވި އިރު އޭގެ ތެރެއިން ބައެއް މީހުންގެ ހާލަތު ނާޒުކު ކަމަށް ސައުދީއަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލްއޭވިއޭޝަން (ޖީއޭސީއޭ) އިން ބުންޏެވެ. --- އަލްޖަޒީރާ