ރިޔާޟް، ސައުދީ އަރަބިއްޔާ (ނޮވެމްބަރު 24) - ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ އެންމެ އުސް އިމާރާތަށް މިއަދު އަނެއްކާވެސް ހަމަލާއެއް ދިނުމުގެ ސަބަބުން 11 މީހުން ޒަހަމްވެއްޖެ އެވެ. ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަރަކާތްތެރިވާ ކޯލިޝަނުން ވަނީ މިއީ "ޓެރަރިސްޓް ހަމަލާއެއް" ކަމަށް ބުނެ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
މަންޒަރު ދުށް ތިން މީހަކު ބުނި ގޮތުގައި، މި ހަމަލާ އަމާޒުކޮށްފައިވަނީ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓް (ކޭއޭއެފްޑީ) ގައި ހުންނަ 80 ބުރީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ޓަވަރަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް ހަމަލާދިން މި އިމާރާތަކީ، އީރާނުގެ މަދަދު ލިބޭ ހޫތީންނާ އެކު މިދިޔަ ޖުލައި މަހު އަލުން ހަމަލާތައް ބަދަލުކުރަން ފެށި ފަހުން އަމާޒުވި މުހިންމު ތަންތަނުގެ ތެރެއިން އެއް ތަނެވެ.
"ފައިނޭންޝަލް ސެންޓަރުގައި ހުންނަ ޓަވަރަކަށް ފިނޑި ޓެރަރިސްޓް ހަމަލާއެއް ވަނީ ދީފައި،" އިމާރާތުގެ ނަން ހާމަނުކުރައްވައި، ކޯލިޝަންގެ ތަރުޖަމާނު ތުރްކީ އަލް-މާލިކީ ސޯޝަލް މީޑިއާގައި ވިދާޅުވި އެވެ. އަދި ކަމާބެހޭ އިދާރާތަކުން މިހާރު އެ ސަރަހައްދު ބަލައި ފާސްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދީ ސިވިލް ޑިފެންސުން ފަހުން ބުނީ ހޫތީން ދިން ކަމަށް ތުހުމަތުކުރާ މި ހަމަލާގައި 11 މީހުން ޒަހަމްވެފައިވާ ކަމަށެވެ. ސައޫދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒަހަމްވި މީހުންގެ ތެރޭގައި ސައޫދީ ރައްޔިތުންގެ އިތުރުން އިންޑިއާ، ނޭޕާލް އަދި މިސްރުގެ ރައްޔިތުން ހިމެނެ އެވެ.
މި ހާދިސާގެ މައުލޫމާތު އެނގޭ މަސްދަރަކުން އޭއެފްޕީއަށް ބުނި ގޮތުގައި، މިއަދު ހަމަލާ ދިން އިރު މިދިޔަ ހަފުތާގައި ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އެ ޓަވަރުގައި މަސައްކަތް ކުރަމުން ދިޔަ އެވެ. އަދި ޒަހަމްވި 11 މީހުންގެ ތެރެއިން މަދުވެގެން ދެ މީހަކު ވަރަށް ބޮޑަށް ފިހި، ހާލު ސީރިއަސްވެފައިވާ ކަމަށް ވެސް އެ މަސްދަރުން ބުންޏެވެ.
ޕީއައިއެފްއަކީ ތެލަށް ބަރޯސާވެފައިވާ ސައޫދީގެ އިގްތިސާދު ސިންދަފާތު ކުރުމުގެ މަސައްކަތް އިސްވެ ކުރިއަށް ގެންދާ ފަންޑަށް ވާތީ، މި އިމާރާތަށް ދިން ހަމަލާއަކީ ރަމްޒީ ގޮތުން މުހިންމު ހަމަލާއެކެވެ. މެދުއިރުމަތީގެ ހަނގުރާމަ އާއި ހޫތީންގެ ހަމަލާތަކުގެ ސަބަބުން ސައުދީގެ މި މަޝްރޫއަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. މީގެ ކުރިން މި މަހުގެ ކުރީކޮޅު ކޭއޭއެފްޑީގައި ހުންނަ ސައުދީގެ ތެޔޮ ކުންފުނި އަރާމްކޯގެ ޓަވަރަކަށް ވެސް ހަމަލާދީފައިވާ އިރު، މިދިޔަ އޮކްޓޯބަރު މަހު ރިޔާޟްގެ ބައިނަލްއަގްވާމީ އެއާޕޯޓަށް ތަކުރާރުކޮށް ދިން ހަމަލާތަކެއްގައި 14 މީހުން ވަނީ މަރުވެފަ އެވެ.
މަންޒަރު ދުށް ހަތަރުވަނަ މީހަކު އޭއެފްޕީއަށް ބުނި ގޮތުގައި، މިއަދުގެ ހަމަލާގެ ކުރިން، ލައުޑް ސްޕީކަރު ހަރުކޮށްފައިވާ ވެހިކަލަކުން ވަނީ އެ ސަރަހައްދުގައި އުޅުނު މީހުން ރައްކާތެރި ތަންތަނަށް ދިއުމަށް އިންޒާރު ދީފަ އެވެ. ނަމަވެސް ވެރިރަށަށް ނުރައްކަލެއް އޮތް ކަމުގެ އެއްވެސް އިންޒާރެއް މޯބައިލް ފޯނުތަކަށް ފޮނުވާފައެއް ނުވެ އެވެ. ހަމަލާއަށް ފަހު ފުލުހުންގެ ކާރުތައް ވަނީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ތަރައްގީގެ ތަސައްވުރު ދައްކުވައިދޭ މި ފައިނޭންޝަލް ޑިސްޓްރިކްޓަށް ވަދެނިކުމެވާ ބައެއް ދޮރާށިތައް ބަންދުކޮށްފަ އެވެ.
ކޭއޭއެފްޑީގެ ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ ވެއިޓަރަކު އޭއެފްޕީއަށް ބުނި ގޮތުގައި، އެ މީހުން ރެސްޓޯރެންޓް އަލުން ހުޅުވިތާ މާގިނައިރެއް ނުވެ ޓަވަރަކަށް ހަމަލާދީފި ކަމަށް ބުނެ އެންމެން އެ ސަރަހައްދުން ނެރުނެވެ. އަދި މަގުތައް ބަންދުކޮށް، އެ ސަރަހައްދަށް މީހުން ވަނުމާއި މަގުތަކުގައި ހިނގާބިނގާވެ އުޅުން ވެސް މަނާކުރި ކަމަށް އޭނާ ބުންޏެވެ.
މިދިޔަ ހަފުތާގައި ސައުދީ އޮފިޝަލުން ވިދާޅުވެފައިވަނީ ފައިނޭންޝަލް ޑިސްޓްރިކްޓްގެ ޓަވަރަކަށް ދިން ހަމަލާއެއްގައި އެ އިމާރާތުގެ ބައެއް ފްލޯތަކަށާއި ޖެހިގެން ހުރި ދެ އިމާރާތަކަށް ގެއްލުން ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އޭރު އިމާރާތުގެ ނަން ހާމަނުކުރި ނަމަވެސް، ސިވިލް ޑިފެންސުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ގެއްލުން ލިބިފައިވަނީ ޕީއައިއެފް ޓަވަރުގެ ބިއްލޫރިތަކަށާއި ބޭރު ފަށަލައަށެވެ. މިދިޔަ ހަފުތާގެ ހަމަލާގެ ޒިންމާ ހޫތީން އުފުލި ނަމަވެސް، މިއަދުގެ ހަމަލާއާ ގުޅޭ ގޮތުން އެ ޖަމާއަތުން އަދި އެއްޗެއް ނުބުނެ އެވެ.
އުސްމިނުގައި 385 މީޓަރު ހުންނަ ޕީއައިއެފް ޓަވަރަކީ ސައުދީގެ އިގްތިސާދީ އަމާޒުތައް ދައްކުވައިދޭ ކޭއޭއެފްޑީގެ އެންމެ ފާހަގަކޮށްލެވޭ ބިނާ އެވެ. އުސް އިމާރާތްތަކާއި، އަގުބޮޑު ފިހާރަތަކުގެ އިތުރުން ފެހި ސަރަހައްދުތައް ހިމެނޭ މި ޑިސްޓްރިކްޓްގައި ސައުދީ ސްޓޮކް އެކްސްޗޭންޖްގެ މައި އޮފީހާއި ގޯލްޑްމަން ސެކްސް ފަދަ ބައިނަލްއަގްވާމީ ބޮޑެތި ކުންފުނިތަކުގެ އޮފީސްތައް ހުރެ އެވެ.
ފާއިތުވި ހަފުތާތަކުގައި ހޫތީން ވަނީ ސައުދީ އަރަބިއްޔާގެ އަސްކަރީ، މަދަނީ އަދި ތެލުގެ މަރުކަޒުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. ރިޔާޒުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ބޮޑު ހަމަލާއާ ގުޅިގެން ދެ ހަފުތާ ވަންދެން ފްލައިޓްތައް މެދުކަނޑާލަން ޖެހުނެވެ. އަދި "ޑާވޯސް އިން ދަ ޑެޒާޓް" ގެ ނަމުން މަޝްހޫރުވެފައިވާ ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް ކޮންފަރެންސް ފަދަ މުހިންމު އެތައް އިވެންޓެއް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
މި ހަމަލާތަކުގެ ރައްދުގައި، ޔަމަނުގެ ސަރުކާރުގެ ދިފާއުގައި ހަނގުރާމަކުރާ ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ދަނީ ޔަމަނުގައި ހުރި ހޫތީންގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ. ޔަމަނުގެ ލާހިޖް ޕްރޮވިންސްގައި ދަތުރުކުރަމުންދިޔަ ބަސްތަކަކާއި ޓްރަކްތަކަކަށް މިއަދު ކޯލިޝަނުން ދިން ވައިގެ ހަމަލާއެއްގައި 26 މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ބުނެ އެވެ. ސަރުކާރުގެ ފައުޖުތަކުން މި ހާދިސާގެ ޒިންމާ އަޅުވަނީ ހޫތީންގެ ބޮލުގަ އެވެ.
މި ހަމަނުޖެހުންތަކަށް ހުއްޓުމެއް އަންނާނެ ކަމުގެ އެއްވެސް ނިޝާނެއް ނެތް އިރު، "ގަސްތުގައި ސަރަހައްދީ ހަމަޖެހުން ނަގާލަން މަސައްކަތް ކުރާތީ" އިނގިރޭސިވިލާތުން ވަނީ މިއަދު ހޫތީ ޖަމާއަތަށާއި އެ ޖަމާއަތުގެ އިސް ހަތަރު އޮފިޝަލަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. މި ފިޔަވަޅުތަކުގެ ދަށުން އެ ޖަމާއަތުގެ މުދާތައް ހިފެހެއްޓުމުގެ އިތުރުން، ސެކިއުރިޓީ އެންޑް އިންޓެލިޖެންސްގެ ވެރިޔާ އަބްދުލް ހަކީމް ހާޝިމް އަލީ އަލް-ޚައިވާނީ އާއި ދާޚިލީ ކަންކަމާ ބެހޭ އޮފިޝަލް އަބްދުލްކަރީމް އާމިރު އަލް-ދީން ހުސައިން އަލް-ހޫތީ ހިމެނޭހެން ހަތަރު ބޭފުޅެއްގެ މުދާ ހިފަހައްޓައި ދަތުރުފަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ.
ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ވަނީ، 2015 ވަނަ އަހަރުގެ ކުރީކޮޅު ހޫތީން އެ ގައުމުގެ ވެރިރަށް ސަންއާ ހިފައި، ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ސަރުކާރު އަދަންއަށް ފައްސާލުމާ ގުޅިގެންނެވެ. 2022 ވަނަ އަހަރު ހަމަލާތައް ހުއްޓާލުމުގެ ނާޒުކު އެއްބަސްވުމަކަށް އައުމުގެ ކުރިން، މި ހަނގުރާމައިގައި އެތައް ލައްކަ ބަޔަކު މަރުވެ، އިންސާނީ ބޮޑު ކާރިސާއެއް ވަނީ ކުރިމަތިވެފަ އެވެ. -- އޭއެފްޕީ