ރިޔާޟް (އޮކްޓޯބަރު 18): ސައުދީ އަރަބިއްޔާ އިސްވެ އޮންނަ ކޯލިޝަނުގެ ހެލިކޮޕްޓަރެއް ޔަމަނުގެ ބޯޑަރު ކައިރިއަށް ވެއްޓި، އޭގައި ތިބި ދެ ޕައިލެޓުން މަރުވެއްޖެ ކަމަށް ކޯލިޝަނުން މިއަދު ބުނެފި އެވެ.
މިއީ މިދިޔަ ޖުލައި މަހު ޔަމަނުގެ ހޫތީންނާ ދެކޮޅަށް ފެށި ހަނގުރާމަ ވަރުގަދަވި ފަހުން، ސައުދީ ކޯލިޝަނުގެ ސިފައިންގެ ބަޔަކު މަރުވި ފުރަތަމަ ހާދިސާ އެވެ.
ސައުދީ މިނިސްޓްރީ އޮފް ނެޝަނަލް ގާޑަށް ނިސްބަތްވާ "އޭއެޗް-6އައި" މަރުކާގެ މި ރިކޮނަސެންސް ހެލިކޮޕްޓަރު ވެއްޓުނީ ޔަމަން ބޯޑަރު ކައިރީގައި އޮންނަ ނަޖްރާން ސަރަހައްދަށެވެ. ކޯލިޝަނުގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ހެލިކޮޕްޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.
ނަމަވެސް، އީރާނުގެ އެހީތެރިކަން ލިބޭ ހޫތީން ވަނީ މި ވާހަކަ ދޮގުކޮށްފަ އެވެ. ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ރޭގެ ވަގުތެއްގައި ބުނި ގޮތުގައި، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ސައުދީގެ އަޕާޗޭ ހެލިކޮޕްޓަރެއް ވައްޓާލާފައިވަނީ އެ މީހުންގެ ހަމަލާއަކުންނެވެ.
މި ހާދިސާ ހިނގާފައިވަނީ ހަތަރު އަހަރުގެ މުއްދަތަކަށް ފަހު މިދިޔަ ޖުލައި މަހު ހަނގުރާމަ އަލުން ފެށި، މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިދިޔަ ހަފުތާގައި ހޫތީން ސައުދީގެ ރިޔާޟް އެއާޕޯޓަށް ދިން ހަމަލާއެއްގައި 13 މީހުން މަރުވެފައިވާއިރު، ރޭގެ ވަގުތެއްގައި ވެސް ސައުދީން ވަނީ ހޫތީން ފޮނުވާލި ޑްރޯންތަކަކާއި ބެލިސްޓިކް މިސައިލްތަކެއް ވައިގެ ތެރޭގައި ގޮއްވާލައިފަ އެވެ.