އިންސާނީ ހައްގުތަކާ ހިލާފުވެ ހިންގާ ކަންކަމުގެ މައުލޫމާތު އދ. ގެ ސަމާލުކަމަށް ގެންނަން ކުރާ މަސައްކަތަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ އެކަން ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅައިދޭން އިންޓަނޭޝަނަލް ސާވިސް ފޯ ހިއުމަން ރައިޓްސް (އައިއެސްއެޗްއާރު) އިން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އަށް ހުށަހަޅައިފި އެވެ.
އިންސާނީ ހައްގުތަކުގެ މައުލޫމާތު އދ. އަށް ހުށަހަޅަން ދަތިކުރާ ކަމަށް، އައިއެޗްއާރުގެ އެހީތެރިކަމާ އެކު ކޮމެޓީއަށް މައްސަލަ ހުށަހެޅީ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ އަހްމަދު ތޮލާލާއި ޖީހާން މަހްމޫދެވެ. މި ދެ ބޭފުޅުން އެޗުއާރުސީއެމްގައި އުޅުއްވި އިރު ސުމްރީމް ކޯޓުން ވަނީ އަމިއްލަ އަށް އިސްނަގައިގެން މައްސަލައެއް ބަލައި، އެޗުއާރުސީއެމް އަށް ގައިޑްލައިނެއް ދީފަ އެވެ.
ތޮލާލް އާއި ޖީހާންގެ ފަރާތުން އެދިފައި ވަނީ، އިންސާނީ ހައްގުތަކާ ގުޅުން ހުރި މައުލޫމާތުތައް ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން ލިބިދީފައިވާ ހައްގެއް ކަމަށް އަމުރުކޮށްދިނުމަށެވެ. އެކަމަށް ހުރަސްއެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން ކަމަށް ކަނޑައަޅައިދޭން ވެސް އެދިފައިވެ އެވެ.
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ބަޔާންކޮށް ހިއުމަން ރައިޓްސް ކޮމިޝަނުން އދ.ގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު އަށް ހުށަހެޅި ރިޕޯޓާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނާ މެދު މިދިޔަ އަހަރު ފިޔަވަޅު އަޅާފައިވާކަން ވެސް މައްސަލާގައި ފާހަގަކޮށްފައިވެ އެވެ. އެ ރިޕޯޓާ ގުޅިގެން ސުމޯޓޯ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ވަނީ އެޗްއާރުސީއެމްގެ މެމްބަރުން ކޯޓަށް ހާޒިރުކޮށް ޝަރީއަތް ހިންގައިފަ އެވެ.
އެޗްއާރުސީއެމްގެ ރިޕޯޓުގައި އަލިއަޅުވާލީ ރާއްޖޭގައި ކުރިމަތިވާ އިންސާނީ ހައްގުތަކުގެ މައްސަލަތަކާއި އިންސާފު ހޯދަން ހުރި ހުރަސްތަކުގެ އިތުރުން ސުޕްރީމް ކޯޓުން އަަމަލުކުރަމުން އަންނަ ގޮތުގެ މައްޗަށެވެ. އެކަމަކު އެ ރިޕޯޓާ ގުޅިގެން އެޗްއާރުސީއެމްގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް ސުޕްރީމް ކޯޓުން ގައިޑްލައިނެއް ހަދާފައިވާ ކަން އދ. އަށް ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.
ރާއްޖޭގެ މައްސަލަ އދ. އަށް ހުށަހެޅިއިރު އިންސާނީ ހައްގުތަކުގެ ދިފާއުގައި ގައުމުތަކުން ކުރާ މަސައްކަތްތަކާއި މުއާމަލާތްތަކަށް ހުރަސް އެޅިގެން ނުވާނެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ. އޮސްޓްރިއޭލިޔާ އިން ހުށަހެޅި މި މައްސަލާގައި ނިންމާފައި ވަނީ، އިންސާނީ ހައްގުތަކުގެ މައުލޫމާތު ދޭން ހުރަސްއަޅާ ނަމަ އެކަން ބަލައި ފިޔަވަޅު އެޅުމަށެވެ.
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ މައްސަލައެއް ހުށަހެޅިއިރު އެ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށް ރާއްޖެ އާއި ބޭރުގެ އެކި ޖަމާއަތްތަކުން އަންނަނީ ބުނަމުންނެވެ.