ހުޅުމާލެ 1 ގައި ހުންނަ ފްލެޓް 110 ގައި ރޭ މެންދަމު ހިނގި އަލިފާނުގެ ހާދިސާއެއްގައި ބަޔަކަށް އަނިޔާވެ އަދި އެ އިމާރާތަަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުނީ 1:10 ހާއިރު ކަމަށާއި ފަޔަ ފައިޓަރުން ގޮސް ކުރި މަސައްކަތުން 1:23 ހާއިރު އަލިފާން ނިއްވާލެވުނު ކަމަށެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނި ގޮތުގައި މި ހާދިސާ ހިނގިއިރު އެ ގޭގައި ދިރިއުޅެމުން ދިޔަ ހަތް ދިވެހިންގެ ތެރެއިން ފަސް މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހުނެވެ. އެ އެޕާޓްމަންޓުގައި 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިންނާއި 18 އަހަރުން މަތީގެ ފަސް މީހަކު ދިރިއުޅޭ ކަމަށާއި އެތަނުން އެކެއްގެ އަތާއި ފައިގެ 12 ޕަސެންޓް މި ހާދިސާގައި ފިހުނު ކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ އެންޑީއެމްއޭ އިން ބުންޏެވެ.
އިމާރާތުގެ އެންމެ ތިރީގައި ހުންނަ މި އެޕާޓްމަންޓް ވަނީ މި ހާދިސާގެ ސަބަބުން އެތަނުގައި ނޫޅެވޭ ވަރަށް އަނދައިފަ އެވެ.
"އެންޑީއެމްއޭ އިން މިހާރު ދަނީ އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން،" އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އަލިފާނުގެ ހާދިސާގައި ވަނީ އިމާރާތުގެ 1 ވަނަ އަދި 3 ވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓެއްގައި ދިރިނޫޅެވޭ ވަރަށް ދުމުގެ އަސަރުކޮށްފައި ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ. އެހެންވެ އިތުރު އަށް މީހަކަށް ރޭ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިން ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ވަނީ ބުނެފަ އެވެ. ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިން މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރުން މަތީގެ ހަ މީހަކާ 4 އަހަރުގެ ދެ ކުއްޖެކެވެ.
އެންޑީއެމްއޭ އިން ފުލުހުންނާ ހަވާލާދީ ބުނި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ އެ އެޕާޓްމަންޓުގެ ސިޓިންރޫމްގައި އޮތް 'ޓޫލް މެލްޓިން ޑިވައިސް' އެއްގައި ރޯވެގެން ކަމަށް ބެލެވެ އެވެ.