ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ޓުއައޮޕަރޭޓަރުންނާއި ޓްރެވެލް އެެޖެންޓުންގެ އަތުން ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) ނަގާ ގޮތަށް ޓެކުހާ ބެހޭ ގާނޫނު ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލް ދިރާސާކުރާ އިރު ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންނާ މަޖިލީހުން މަޝްވަރާކުރާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރުދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުަސް ގައި، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީން ދޭ ލަފާ މި ސަރުކާރުން ގަބޫލުކުރާނެ ކަމަށާއި ބިލު ފާސްކުރާނީ އެ ދާއިރާއަށް ލޮޅުމެއް ނާންނާނެ ގޮތަށް ކަމަށެވެ. 

"އަޅުގަނޑުމެން ކޮމިޓީ މަރުހަލާގައި، ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންނާ މަޝްވަރާކުރާނަން، އެ ބޭފުޅުންގެ ލަފަޔާއި އިރުޝާދު ހޯދާނަން. އެ ބޭފުޅުން ދޭ ހެޔޮލަފާ ގަބޫލުކުރާނެ މި ސަރުކާރުން. އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސް ހަމަ އެ ކަންކަން ގަބޫލުފުޅުކުރައްވައިގެން މި ސަރުކާރުން، މި ދާއިރާއަށް ހަމަ އެއްވެސް ކަހަލަ ލޮޅުމެއް ނާންނާނެ ގޮތަށް، ރައްޔިތުންނަށް ފައިދާވާ ގޮތަށް އިރާދަކުރެއްވިއްޔާ މި އިސްލާހުތައް ފާސްކުރާނެ،" ފަލާހު ވިދާޅުވި އެވެ.

ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްވެލްއެޖެންޓުން ދޭ ހިދުމަތުން ޓެކްސް ނަގާނެ އުސޫލުތައް ޓެކްސް ގާނޫނަށް އިތުރުކުރަން ހުށަހެޅި އެ ބިލަށް ޖުމްލަކޮށް ތާއީދުކުރައްވާ ކަމަށް މަޖިލީހުގެ އިދިކޮޅު މެންބަރުން ވެސް މިއަދުގެ ބަހުސްގައި ވިދާޅުވި އެވެ. ނަމަވެސް އެފަދަ ބަދަލުތައް ގެންނަން ޖެހޭނީ އެ މެމްބަރުން ވިދާޅުވި ގޮތުގައި އިންޑަސްޓްރީގެ ބޭފުޅުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެންނެވެ.

ފަލާހު ވިދާޅުވީ އެ ބިލުގައިވާ ބަދަލުތައް ގެނަޔަސް، ރާއްޖޭގައި ރިސޯޓެއް ނުވަތަ ގެސްޓްހައުސް ހިންގާ މީހަކު ދައްކަން ޖެހޭ ފައިސާއެއް އިތުުރުނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ބިލުން ކުރާ ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ރީތިކަން ބޭނުންކޮށްގެން ނަފާ ހޯދާ ބޭރުގެ އޮޕަރޭޓަރުންގެ އަތުން ވެސް ރާއްޖޭގެ ވިޔަފާރިވެރިން ދައްކާ ވަރުގެ ޓެކުހެއް ނެގުމެވެ.

"ބޭރުގެ ފަރާތްތަކުން ރާއްޖޭގައި މިހިރަ ރީތި ރަށްތަކާއި [ވެލިދޫ ދާއިރާގެ މެންބަރު] މުހައްމަދު އައްބާސްމެން އެ ހަދާ ރިސޯޓްތަކާ އެ ރޫމްތައް އެ ވިއްކަނީ، އެ ބޭފުޅުން މި ދައުލަތަށް އެއްވެސް އެއްޗެއް ނުދީ. އެހެންވީމާ އެ ބޭފުޅުން ވެސް ޖެހޭނެ ރާއްޖޭގައި މިތިބަ ރާއްޖޭ ވިޔަފާރިވެރިން އެ ދައްކާ މިންވަރު މީރާއަށް ދައްކަން ޖެހޭނެ. މުހައްމަދު އައްބާސްމެން އެ ދަނީ ބަރާބަރަށް ޓެކްސް ދައްކަމުން އެ ބޭފުޅުން އެ ހަދާފައި ހުރި ރޫމްތަަކަށް ގެސްޓުން ފޮނުވާ ބޭފުޅުން އެ ގައުމަކަށް ވެސް އެއްޗެއް  ނުދައްކާ، މި ގައުމަކަށް ވެސް އެއްޗެއް ނުދައްކާ. މި ގޮތަށް އެކަން ކުރަން ފުރުސަތު އޮވެގެން ނުވާނެ،" ފަލާހު ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ މެންބަރުން އެ ބިލަށް ތާއީދުކުރައްވަނީ އެއީ ރަނގަޅު ބިލަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެ ބިލްގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގާނެ އުސޫލުތައް ޓެކްސް ގާނޫނަށް އިތުރުކުރުމެވެ. އެއީ ޓެކްސް ނެގުމުގެ ނިޒާމުގައި ހުރި ދަތިތައް ހައްލުކޮށް، އެ ނިޒާމު ހަރުދަނާ ކުރަން ގެންނަ ބަދަލުތަކެއް ކަމަށް ވެސް ބިލްގައި ބަޔާންކޮށްފައި ވެ އެވެ.

އެ ބިލް ފާސްކޮށް، ބިލްގައިވާ ގޮތަށް ޓެކްސް ނަަގަން ފަށައިފި  ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 13 ބިލިއަން ރުފިޔާއާ އެކު ދައުލަތަށް އަހަރަކު 16 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.