ޕްލާސްޓިކް ކޮތަޅުން ނަގާ ފީ، ކޮތަޅު ގަނޑުކޮށް ގަންނަ މީހުން ދައްކަން ނުޖެހޭ ގޮތަށް ހެދުން ހިމެނޭހެން، ކުނި މެނޭޖް ކުރުމުގެ ގާނޫނަށް ގިނަ ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް މިއަދު ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުުން އުނގޫފާރުދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން 50 ކޮތަޅަށް ވުރެ ގިނައިން ހުންނަ ކޮތަޅުބޮނޑި ހިމަނާނީ ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިން އިސްތިސްނާވާ ބާވަތެއްގެ ގޮތުގަ އެވެ.
ކުނިމެނޭޖްކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި މިހާރު އޮތީ ފީ ނެގުމުން އިސްތިސްނާވާ ތިން ބާވަތެކެވެ. އެއީ ޑިއުޓީފްރީ ފިހާރަތަކުން ދޭ ނުވަތަ ވިއްކާ ކޮތަޅާއި، ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅަން ބޭނުންކުރާ ކޮތަޅާއި ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ އެކަމާ ބެހޭ އެހެން އިދާރާއަކުން، ކުނި އަޅަން ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނާ އެވެ.
މިއަދު ބަހުސް ފެށި ބިލުގައި އޮތީ އެ މާއްދާއަށް އަކުރެއް އިތުރުކޮށް، 50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި، އިސްތިސްނާގެ ތެރޭގައި ހިމެނުަމަށެވެ.
ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ނިޒާމަށް، ގެންނަން އެ ބިލުގައި ހުށަހަޅާފައިވާ އަނެއް ބަދަލަކީ ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައި ނުވާ ތަންތަނުން ދޫކުރާ ކޮތަޅަށް ވެސް ފީ ނަގާ ގޮތަށް ހަމަޖައްސައި، އެގޮތަށް ނަގާ ފީ އާ މެދު އަމަލުކުރާނެ ގޮތުގެ ގަވައިދެއް ހަދަން މިނިސްޓްރީއަށް ލާޒިމު ކުރުމެވެ.
ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ވެސް ޕްލާސްޓިކް ކޮތަޅަށް ފީ ނަގާކަން ކަށަވަރުކުރުމަކީ މިނިސްޓްރީން ކުރަން ޖެހޭ ކަަމަކަށް ހަދަން ވެސް އެ ބިލުގައި ވެ އެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ތަކުރާރުކޮށް އެތައް ފަހަރަކު ނަގަން ޖެހެ އެވެ. ފިހާރަތަކާއި ސައިހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނަށް ގަނޑުކޮށް ކޮތަޅު ގަންނަ އިރު އެ ތަންތަނުން ވެސް ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ މަގުން ހޯލްސޭލަރުންނަށް ފީ ދައްކަން ޖެހޭތީ އެވެ.
ކޮތަޅު ސަޕްލައި ކުރުމުގެ ތެރޭގައި އެތައް ފަހަރަކު ފީ ނެގުން ތަކުރާރުވާތީ އެ ގާނޫނަށް އަމަލުކުރަން ފެށީއްސުރެ އެކި ފަރާތްތަކުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.