ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ ކަމަށް ތުހުމަތުކޮށް ޑީޕޯޓްކޮށްލުމުގައި އިމިގްރޭޝަނުން ހައްގުތައް ކަށަވަރުކޮށްދީފައިނުވާ ކަމަށް ބުނެ ބިދޭސީއަކު ކޯޓުގައި ދައުވާ ކުރުމުން އޭނާގެ މައްޗަށް އެޅި ފިޔަވަޅުތައް އިމިގްރޭޝަނުން އުވާލައިފި އެވެ.
ޖުޑިޝަލް ރިވިއުގެ ދައުވާއެއް ސިވިލް ކޯޓުގައި އިމިގްރޭޝަންއާ ދެކޮޅަށް އުފުލީ މާލޭގެ ސެލޫނެއްގައި މަސައްކަތްކުރި ތައިލެންޑަށް ނިސްބަތްވާ މީހެއް ކަމަށްވާ ކަނަކްޕޮން ތަވޮންގްނާ އެވެ.
އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އޭނާ އަތުލައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭނާ ކުރި ދައުވާގައިވާ ގޮތުން އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސެލޫން މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް ރައްޓެހިންނާއެކު ކެއްކުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.
އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށް، އޭނާ ޑީޕޯޓްކޮށްލަން ނިންމި އެވެ.
ނަމަވެސް، ކަނަކްޕޮން ތަވޮންގްނާ ބުނި ގޮތުގައި އޭނާގެ މައްޗަށް އެ ފިޔަވަޅު އެޅީ ކުށެއް ނުކުރަނީސް އަދި ރާއްޖޭގައި ހުރުމުގެ ހުއްދަ ބާތިލްވެފައި ނުވަނީހެވެ. އެހެންކަމުން އެއީ ގާނޫނާ ހިލާފަށް އެޅި ފިޔަވަޅެއް ކަމަށް ދައުވާގައިވެ އެވެ.
ދައުވާގައިވާ ގޮތުން އޭނާ ހައްޔަރުކުރީ ކުށެއްކޮށްގެން ކަމަށް ތުހުމަތު ކުރާއިރު، އިނގިރޭސިބަހުން ލިޔަންކިޔަން ނޭނގެނީސް ޑިޓެންޝަނަށް ގެންދިޔުމާ އެކު ސްޕޮންސަރުގެ ޣައިރު ހާޒިރުގައި އަދި ތަރުޖަމާނަކާ ނުލައި ބަޔާނެއްގައި ސޮއިކުރުވި އެވެ. އަދި އެގޮތަށް އިމިގްރޭޝަނުން އަމަލުކުރީ އޭނާއަށް ލިބެންޖެހޭ ހައްގުތައް އެންމެ އެކަށީގެންވާ ގޮތުގައި ލިބިދިނުމެއް ނެތި ކަމަށް ކަނޑައަޅައިދޭން ދައުވާގައި އެދުނެވެ.
އެ ދައުވާގެ ޝަރީއަތް ސިވިލް ކޯޓުގައި ކުރިއަށް ދަނިކޮށް، މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަނަކްޕޮން ތަވޮންގްނާ ވަނީ ދައުވާ އަނބުރާ ގެންދަން ކޯޓަށް ހުށަހަޅައިފަ އެވެ.
ދައުވާ އަނބުރާ ގެންދާ ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލާފައިވާތީ އާއި އޭނާއަށް ގެއްލިފައިވާ މިނިވަންކަން ލިބިފައިވާތީ އެވެ.
ސިވިލް ކޯޓުން ވަނީ ދައުވާ އަނބުރާ ގެންގޮސްފައިވާ ކަމަށް ކަނޑައަޅައި، އިއްޔެ މައްސަލަ ނިންމައިފަ އެވެ.