ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ރާއްޖޭގައި ތިބި ސިފައިންގެ އަދަދު ކަމަށް މިހާތަނަށް ލިބިފައިވަނީ 89 ކަމަށެވެ. ނަމަވެސް އެ އަދަދަށް އުނި އިތުރެއް އަތުވެދާނެ ކަމަށް ޝަހީބު ވިދާޅުވި އެވެ.
"އެއީ ގައުމީ ސަލާމަތަށް ނުރައްކާ ހުރި ކަމެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގައެއް ނުކުރައްވާ. އަދި އެ ބޭފުޅުން އެކަންތައް މެނޭޖް ކުރަމުން ގެންދަވަނީ. އެކަމުގައި އަޅުގަނޑުމެންނަށް އަދި ވެސް ޕްލަސް ނުވަތަ މައިނަސްއެއް އަތުވެދާނެތީ އަޅުގަނޑުމެންނަށް ލިބިފައި އޮތް އަދަދު އަޅުގަނޑުމެން މި ދަންނަވަނީ. އެއީ މާ ބޮޑު އިޝޫއެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ނެތް،" ޝަހީބު ވިދާޅުވި އެވެ.
"އެއީ ތި ވިދާޅުވާ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ގޮތުގައި ފާހަގަ ކުރެވިފައެއް ނުވޭ."
ވެރިކަމާ ހަވާލުވުމަށްފަހު މި ސަރުކާރުން ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ އެހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިން ކަމަށެވެ.
އެކަމަކު، އޭގެ ފަހުން އެ އަދަދު 89 އަށް އިތުރުވެފައިވާ ކަމަށް ބުންޏެވެ. އެއީ، ސެނަހިޔާ ހޮސްޕިޓަލްގައި މަސައްކަތްކުރާ މިލިޓަރީ ޑޮކްޓަރުން ހިމަނައިގެންނެވެ.
ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދިނުމުގެ ވައުދާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން، ސަރުކާރަށް ދޮޅު މަސްވެގެން ދިޔައިރު ވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަސްލު އަދަދު ހާމަނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އެވެ. ރައީސް އޮފީހުން ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި ވެސް އެންމެ ގިނައިން އަމާޒުވާ ސުވާލަކީ އެއީ އެވެ.
ޝަހީބު ވިދާޅުވީ ބޭރުގެ ސިފައިންނާ ގުޅޭ ކަންކަން ކަމާގުޅޭ ފަރާތްތަކުން ބަލަމުންދާ ކަމަށެވެ.