އިންޑޮނީޝިއާގެ ޑޭކެއާ ސެންޓަރެއްގައި ތުއްތު ކުދިންތަކަކަށް އިހުމާލުވެ، އަނިޔާކުރާ މަންޒަރު ފެންނަ ހިތްދަތި މަންޒަރުތަކެއް އާންމުވެ، މުޅި ގައުމުގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، އެ މައްސަލައިގައި 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ހޯމަ ދުވަހު ބުނެފި އެވެ.

ޖާވާ އައިލެންޑްގެ ޔޮގްޔަކާޓާގައި ހުންނަ "ލިޓްލް އަރޭޝާ" ނަމަކަށް ކިޔާ ޑޭކެއާ ސެންޓަރުގެ މި މައްސަލަ ފަޅާއެރީ އެތަނުގެ ކުރީގެ މުވައްޒަފަކު ދިން ރިޕޯޓަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ފުލުހުން ގޮސް ރެއިޑްކުރުމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި، އެތަނުގައި ގިނައީ އުމުރުން ދެ އަހަރުން ދަށުގެ ކުދިންނެވެ. އެ ކުދިން ހަމައެކަނި ނެޕީގައި ބިންމައްޗަށް ދޫކޮށްލާފައި ތިބި އިރު އެ ކުދިންގެ އަތާއި ފައި ހުރީ ފޮތިން އައްސައިފަ އެވެ. ފުލުހުން ވަނީ މި ވީޑިއޯއަކީ ސައްހަ އެއްޗެއްކަން ކަށަވަރުކޮށްދީފަ އެވެ.

ފުލުހުން ބުނި ގޮތުގައި، އެންމެ ތިން މީޓަރު ތިން މީޓަރު (100 އަކަފޫޓަށް ވުރެ ކުޑަ) ކޮޓަރިއަކަށް 20 ކުދިން ލާފައި ތިއްބާ ވެސް ވަނީ ފެނިފަ އެވެ.

"މިހާތަނަށް 13 މީހަކު ވަނީ ތުހުމަތުކުރެވޭ މީހުންގެ ގޮތުގައި ކަނޑައަޅާފައި،" މި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފައިވަން ހާމަކުރައްވަމުން ޔޮގްޔަކާޓާގެ ސިޓީ ޕޮލިސް ޗީފް އީވާ ގުނާ ޕަންޑިއާ ހޯމަ ދުވަހު ނޫސްވެރިންނަށް ވިދާޅުވި އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ކުދިން ބަލަހައްޓާ 11 މުވައްޒަފުންގެ އިތުރުން، އެތަނުގެ ހެޑްމާސްޓަރާއި އެ ސެންޓަރު ހިންގާ ފައުންޑޭޝަނުގެ އިސްވެރިޔާ ހިމެނެ އެވެ.

އެ މީހުންގެ މައްޗަށް، ކުޑަކުދިންނަށް އިހުމާލުވުމުގެ ދައުވާ ހިމެނޭހެން ގިނަ ދައުވާތަކެއް އުފުލާނެ އެވެ. އަދި ތަހުގީގު ކުރިއަށްދާ ވަރަކަށް އިތުރު ދައުވާތައް ވެސް ކުރެވިދާނެ ކަމަށް ބެލެވެ އެވެ.

ޕަންޑިއާ ވިދާޅުވި ގޮތުގައި ބައެއް ކުދިން އައްސާފައި ބޭތިއްބީ އެ ކުދިންގެ ފަރާތުން އެހެން ކުދިންނަށް އުނދަގޫވިޔަ ނުދޭން ކަމަށް، ތުހުމަތުކުރެވޭ މީހުން ފުލުހުން ގާތު ބުނެފައިވެ އެވެ.

ޔޮގްޔަކާޓާގެ ޑިޓެކްޓިވް ރިސްކީ އަދްރިއާން ވިދާޅުވި ގޮތުގައި، އެ ސެންޓަރުގައި މުވައްޒަފުން މަދުވުމުގެ ސަބަބުން ކުދިން ފެންވަރުވައި ހެދުން ބަދަލުކޮށްދޭނެ މުވައްޒަފުން އެކަށީގެންވާ ވަރަށް ނެތް ކަމަށް އެ މީހުން ބުނެ އެވެ.

އެ ޑޭކެއާ ސެންޓަރަކީ ގާތްގަނޑަކަށް 100 ކުދިން ބަލަހައްޓާ ތަނެކެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދިންނަށް ވަނީ އެކި ގޮތްގޮތުން އަނިޔާކޮށްފަ އެވެ.

އެތަނަށް ކުދިން ފޮނުވާ ބައްޕައެއް ކަމަށްވާ ނޫރްމާން ވިންޑާޓޯ އޭއެފްޕީއަށް ކިޔައިދިން ގޮތުގައި، މިދިޔަ ހުކުރު ދުވަހު އެހެން ބެލެނިވެރިއަކު ގުޅާފައި އޭނާގެ ދެ އަހަރުގެ ފިރިހެން ދަރިފުޅު ބަލައި ދިޔުމަށް ބުނުމުން އޭނާއަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ.

އޭނާގެ ދަރިފުޅަކީ އުމުރުން އެންމެ ތިން މަހުން ފެށިގެން އެ ސެންޓަރަށް ދާ ކުއްޖެކެވެ. ފަހުން ފުލުހުންގެ ފަރާތުން އޭނާއަށް އެނގުނީ އޭނާގެ ދަރިފުޅަކީ ވެސް އަތާއި ފައި އައްސާފައި ބޭއްވި ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެއް ކަމެވެ.

"އަހަރެންގެ ހިތް ކުދިކުދިވި،" އުމުރުން 42 އަހަރުގެ ސިވިލް ސާވަންޓް ބުންޏެވެ.

"އަހަރެންގެ އަންހެނުން ރުއި. އެތަނުގައި ތިބި ގިނަ މުވައްޒަފުންނަކީ އަންހެނުން. އެ މީހުންގެ އުޅުމާއި ވާހަކަދެއްކުން ހުންނަނީ ވަރަށް މަޑުމައިތިރިކޮށް، ވަރަށް ދީންވެރި ބައެއްގެ ގޮތުގައި ފެންނަނީ."

ނޫރްމާން އޭނާގެ ދެ ކުދިން އެތަނަށް ފޮނުވަން ކޮންމެ ކުއްޖަކަށް 1.1 މިލިއަން ރުޕިއާ (ގާތްގަނޑަކަށް 64 ޑޮލަރު) ދައްކަ އެވެ. މިއީ ޔޮގްޔަކާޓާގެ އެންމެ ކުޑަ އުޖޫރައިގެ ދެބައިކުޅަ އެއްބަ އެވެ.

އޭނާގެ ދޮށީ ދަރިފުޅު، އުމުރުން ހަ އަހަރުގެ އަންހެން ކުއްޖާ، މައްސަލަ ޖެހުމާ އެކު މިހާރު ބަންދުކޮށްފައިވާ ސެންޓަރަށް ދިއުން ހުއްޓާލީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

އެ ކުއްޖާ ގެއަށް ދާއިރު ބައެއް ފަހަރު ގައިގެ ތަންތަން ނޫފައިގެންފައި ހުންނަ ކަމަށާއި، އެއީ ކުޅެން އުޅުމުގެ ތެރޭގައި ވެފައި ހުންނަ އަނިޔާ ކަމަށް ސެންޓަރުން އޭރު ބުނާ ކަމަށް ނޫރްމާން ބުންޏެވެ.

އޭނާގެ ފިރިހެން ދަރިފުޅަށް ތަކުރާރުކޮށް ނިއުމޯނިއާ ޖެހިގެން ހޮސްޕިޓަލުގައި ބާއްވަން ޖެހުނެވެ. މިހާރު އޭނާ ޝައްކުކުރާ ގޮތުގައި އެއީ އެއްވެސް އެއްޗެއް ނުލައްވައި ފިނި ތަޅުންގަނޑު މަތީގައި ކުއްޖާ ބާއްވާފައި އޮތުމުގެ ސަބަބުން ދިމާވި ކަމެކެވެ.

"އަހަރެން މިހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައި،" ނޫރްމާން ބުންޏެވެ. "އެ މީހުންނަށް ދެވޭނެ އެންމެ ހަރުކަށި އަދަބު ދޭންޖެހޭނެ."

އިންޑޮނީޝިއާގެ ކުޑަކުދިން ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ތުހުމަތުކުރެވޭ މީހުންނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަދި 100 މިލިއަން ރުޕިއާގެ ޖޫރިމަނާއެއް އައުމުގެ ފުރުސަތު އެބައޮތެވެ. -- އޭއެފްޕީ