ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި މާލޭގައި ވިޔަފާރިކުރާ 750 ތަނެއް އިންސްޕެކްޓްކޮށް، 20 ފަރާތަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވިޔަފާރިކުރާ ތަންތަނުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވަން ހިންގާ އޮޕަރޭޝަނާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ވިޔަފާރިކުރާ ތަނަކާ މެދު ޝަކުވާއެއް ހުށަހަޅައިފި ނަމަ އެތަނެއް ބަލާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް މަދުވެގެން ދިހަ ތަނެއް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންނާއި އިމިގްރޭޝަނާ ގުޅިގެން ކުރިޔަށް ގެންދާ އޮޕަރޭޝަނާ ބެހޭ ގޮތުން ވިސާމް ވިދާޅުވީ މީގެ ކުރިން ވެސް ވިޔަފާރިކުރާ ހުރިހާ ތަނެއް ރަޖިސްޓްރީކުރަން ޖެހޭ ކަމަށާއި އަދި ރަޖިސްޓްރީ ނުކޮށް ހިންގާ ތަންތަން 10،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
"ވިޔަފާރިކުރާ ތަންތަން ބަލައި، އެތަންތަން ހިންގަނީ ވިޔަފާރި ރަޖިސްޓްރީކޮށްގެން ގަވައިދާ އެއްގޮތަށްތޯ (ވެސް ބަލާނެ). އެންމެ ގިނައިން ޝަކުވާ ލިބެނީ ރީޓެއިލް ވިޔަފާރިކުރާ ތަންތަނުގައި ބިދޭސީން ގެންގުޅޭ ކަމުގެ ޝަކުވާ،" އޭނާ ވިދާޅުވި އެވެ.
އެ ނޫސްކޮންފަރެންސްގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފް ވިދާޅުވީ ބާޒާރުމަތީގައި ގަވައިދާ ހިލާފަށް ތަކެތި ބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތަކުގެ މުދާ އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދާ ކަމަށެވެ. އަދި އެގޮތަށް ގެންދިޔަ ބައެއް ތަކެތި ނައްތާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަގުމަތީގައި ތަކެތި ބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތައް އަދިވެސް ފެނޭ. އެފަދަ ފަރާތްތަކާ މެދު އަޅުގަނޑުމެން މިދަނީ ފުލުހުންނާ ގުޅިގެން ފިޔަވަޅު އަޅަމުން،" ޝަރީފް ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން މޯލްޑިވްސް އިމިގްރޭޝަންގެ މޮނިޓަރިން ޑިޕާޓްމަންޓްގެ ހެޑް އަބްދުﷲ ވަހީދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ފިހާރަތަކުގައި ގަވައިދާ ހިލާފަށް ކޭޝިއަރުންގެ ގޮތުގައި ގެންގުޅުނު 56 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިވަގުތު އެންމެ ބޮޑު އިސްކަމެއްދީގެން އިންސްޕެކްޝަން ކުރިޔަށް ގެންދަނީ ދަތުރުވެރިންގެ މާރުކޭޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ.