ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ނުރައްކާކުރާ ނަމަ އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ކޮންމެ ގައުމެއްގެ ވެސް ޒިންމާއެއް ކަމަށާއި އެކަމަކު ގަލްފު ސަރަހައްދުގައި މިހާރު އޮތް ނުތަނަވަސްކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ދައުރު ނުފެންނަ ކަމަށް ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައޫދު ވިދާޅުވެއްޖެ އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ އެކު ސަރަހައްދުގެ މަސްރަހު ގޯސްވެ، އަރަބި ގައުމުތަކަށާއި ގަލްފުގެ ކަނޑުގެ ސަރަހައްދުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންދާތީ، ގަލްފުގެ ލީޑަރުން ދަނީ މިއީ ހަމައެކަނި ސަރަހައްދީ މައްސަލައެއް ނޫން ކަމަށާއި މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ކާރިސާއެއް ކަމަށް ބުނެ އިންޒާރު ދެމުންނެވެ.
ޕްރިންސް ފައިސަލް ވިދާޅުވި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ފަދަ މުހިންމު ކަނޑުގެ ސަރަހައްދުތަކަށް ދޭ ހަމަލާތަކަކީ މުޅި ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމާއި އިގްތިސާދާ ގުޅިފައިވާ ކަމެކެވެ. އެހެންވެ މި ތަންތަން ހިމާޔަތްކުރުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެ މަސްލަހަތު ހިމެނޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ވަނިކޮށް ޔަމަންގެ ހޫތީން މިހާރު ދަނީ ސައޫދީގެ ބަނދަރުތަކަށް ހުރަސްއަޅައި، ރަތްކަނޑުގައި ސައޫދީގެ އުޅަނދުތަކަށް ހަމަލާ ދެމުންނެވެ.
ސަރަހައްދީ ކުއްލި ބައްދަލުވުންތަކުގައި ސައޫދީ ފޮރިން މިނިސްޓަރު ވިދާޅުވީ، މިސައިލް ހަމަލާތަކަކީ އީރާނާއި އެ ގައުމަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުން ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ރާވައިގެން ހިންގާ ޖަރީމާތަކެއް ކަމަށެވެ.
މަސްރަހު ފިނިކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައާ އެކު ސައޫދީ އަރަބިއްޔާއިން މަޝްވަރާކުރަން ތައްޔާރަށް އޮތް ނަމަވެސް، ގައުމުގެ ސަރަހައްދާއި ރައްޔިތުން ހިމާޔަތްކުރުމަށްޓަކައި އަމިއްލަ ދިފާއުގައި ފިޔަވަޅު އެޅުމުގެ ފުރިހަމަ ހައްގު ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ސައޫދީ އަށާއި ގަލްފުގެ ގައުމުތަކަށް ލިބިގެންވާ ކަމަށް ވަނީ ބުނެފަ އެވެ.