ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފު ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެވޭނީ، އެމެރިކާ އާއި އިޒްރޭލުން އީރާނަށް އަލުން ހަމަލާ ނުދޭނެ ކަމުގެ ގެރެންޓީ ލިބިގެން ކަމަށް، އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
ބަހްރޭނުން އިސްނަގައިގެން ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ސަފީރު އާމިރު ސައީދު އިރަވާނީ މި ވާހަކަދެއްކެވީ، ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އީރާނުން ބާރު ފޯރުވާތީ، އެތައް ގައުމަކުން އެކަން ކުށްވެރިކުރުމުންނެވެ.
"ފާރިސީ އެތެރެވަރި އާއި މުޅި ސަރަހައްދުގެ ދާއިމީ ހަމަޖެހުމާއި ސަލާމަތްތެރިކަން ހޯދޭނީ، އީރާނާ ދެކޮޅަށް ހިންގާ އުދުވާންތައް ދާއިމީކޮށް ހުއްޓާލައި، އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީ، އަދި އީރާނުގެ ސިޔާދަތީ ހައްގުތަކާއި މަސްލަހަތުތަކަށް ފުރިހަމައަށް އިހުތިރާމް ކޮށްގެން،" އިރަވާނީ އެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
އޭގެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި އިރަވާނީ ވިދާޅުވީ އެހެން ގައުމުތަކުން ހަމައެކަނި އީރާނަށް ފާޑުކިޔާއިރު، އެމެރިކާއިން އީރާންގެ ބަނދަރުތައް ބަންދުކޮށްގެން ތިބުން ކުށްވެރި ނުކުރާ ކަމަށެވެ.
"އެމެރިކާއިން އަމަލުކުރަނީ ކަނޑުފޭރޭ މީހުންނާއި ޓެރަރިސްޓުން ފަދައިން. މަޖުބޫރުކުރުވުމާއި ބިރުދެއްކުމުގެ ތެރެއިން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް، ފަޅުވެރިންނަށް ބިރުދައްކައި، ގާނޫނާ ހިލާފަށް އުޅަނދުތައް ހިފަހައްޓައި އަދި ފަޅުވެރިން ރަހީނު ކުރަމުންދޭ،" އިރަވާނީ ވިދާޅުވި އެވެ.
"ނަމަވެސް، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާ މެދު ކަންބޮޑުވުން ފާޅުކުރި އެއްވެސް ފަރާތަކުން، މިއަދުގެ ބައްދަލުވުމުގައި މި ޓެރަރިސްޓް އަމަލަށް އިޝާރާތް ކުރާކަށް ނުވަތަ ކުށްވެރިކުރާކަށް ނުކެރުނު."
އީރާނުން މިހާރު ވަނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާ ބެހޭ އާ ގާނޫނުގެ ދަށުން، ހޮރްމޫޒް ކަނޑުއޮޅީގެ ހުރިހާ ޒިންމާއެއް އުފުލާ އިދާރާއަކީ އެ ގައުމުގެ ހަތިޔާރު އެޅި ސިފައިން ކަމަށް ކަނޑައަޅައި އެ މަގު ހުރަސްކުރުމަށް ދައްކަންޖެހޭނީ އީރާންގެ ރިއާލް ކަމަށް ހަމަޖައްސަން ނިންމައިފަ އެވެ.
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޝަންގެ ރައީސް އިބްރާހީމް އަޒީޒީ، ދައުލަތުގެ ޓީވީއަށް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި މިހާރުވެސް އޮތީ އެ ގައުމުގެ އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. އަދި އާ ގާނޫނުގެ މަގުސަދަކީ "ދުޝްމަނުންގެ އުޅަނދުފަހަރު" އެ ކަނޑުއޮޅިން ދަތުރުކުރުން މަނާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.