ރިޔާޟް، ސައޫދީ އަރަބިއްޔާ (އޭއެފްޕީ) – އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ވަނިކޮށް، ގަލްފުގެ ގައުމުތަކުން 1.5 ބިލިއަން ފީޕާ ތެޔޮ ބޭރުކުރުމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެހީތެރިކަން ފޯރުކޮށްދީފި ކަމަށް ބުނެފި އެވެ.
ސެންޓްކޮމްއިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެމެރިކާގެ އެހީތެރިކަމާއެކު 3،000 އަށްވުރެ ގިނަ ވިޔަފާރި އުޅަނދު ހޮރުމުޒު ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން ދަތުރުކުރި އުޅަނދުފަހަރުގެ 95 ޕަސެންޓަށްވުރެ ގިނަ އުޅަނދު ދަތުރުކޮށްފައިވަނީ ރައްކާތެރިކަމާ އެކު ކަމަށް ސެންޓްކޮމްއިން ބުންޏެވެ.
"މިއަދު ހޮރުމުޒު ކަނޑުއޮޅީގެ މައިގަނޑު ދަތުރުފަތުރުގެ މަގުތައް ވަނީ އީރާނުގެ ކަނޑުމައިނުތަކުން ސަލާމަތްކުރެވި، އާންމު ހާލަތަކަށް ގެނެވިފައި،" ސެންޓްކޮމްގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕާ ވިދާޅުވި އެވެ.
ތެލުގެ އުފެއްދުންތަކުގެ ފަސްބައިކުޅަ އެއްބައި އުފުލަން ބޭނުންކުރާ މި މުހިންމު ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ވަނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު ހަނގުރާމާގައި އަތުލައިފަ އެވެ.
ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އީރާނަށް ހޮރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް މުޅިން ގެއްލިފައިވާ ކަމަށާއި، ތެޔޮ ބޭރުކުރުމުގެ ކަންކަން ހަނގުރާމައިގެ ކުރީގެ ހާލަތަށް އިއާދަވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
މެރިޓައިމް ޓްރެކިން ފާމް ކެޕްލާގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ސެޕްޓެމްބަރު މަހު އެ ސަރަހައްދުން ދުވާލަކު 16.5 މިލިއަން ފީފާގެ ތެޔޮ ވަނީ ބޭރުކޮށްފަ އެވެ.