އެމެރިކާއިން ކުރިމަތިކުރަމުންދާ އަސްކަރީ ފިއްތުންތައް ކުޑަކޮށް، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުބަންދު (ބްލޮކޭޑް) އުވާލައިފި ނަމަ، ހަތް ދުވަހުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލަން އީރާނުން ތައްޔާރަށް އޮތް ކަމަށް އީރާނުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވެއްޖެ އެވެ.
ރޮއިޓާސް އާއި ޖަޕާނުގެ ކިޔޯޑޯ ނިއުސް އެޖެންސީން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން މިކަން ވަނީ ބައިނަލްއަގުވާމީ މެދުވެރިން ލައްވައި އެމެރިކާއަށް ހުށަހަޅައިފަ އެވެ. ނަމަވެސް، މިއަށްފަހު އީރާނުގެ ދައުލަތުގެ މީޑިއާތަކުން ވަނީ މި ވާހަކަ ދޮގުކޮށްފަ އެވެ. މިއާ އެކު އެ ގައުމުގެ ސަރުކާރުގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް ހުރިކަން ވެސް ވަނީ ހާމަވެފަ އެވެ.
އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވި ގޮތުގައި، މި މައްސަލަ ހައްލުކުރުމަށް އެމެރިކާއިން ބޭނުންވާކަން ރަސްމީކޮށް އިއުލާންކުރަންޖެހެ އެވެ. އަދި އަސްކަރީ ހަރަކާތްތަކާއި ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ތާވަލަކަށް އެއްބަސްވާންޖެހެ އެވެ. ރިޕޯޓްތައް ބުނާގޮތުން މި ހުށަހެޅުމަކީ އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި، އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ މުޖްތަބާ ޚާމަނާއީގެ ހުއްދަޔާ އެކު ހުށަހެޅި ހުށަހެޅުމެކެވެ.
ނިއު ޔޯކުގައި ބާއްވާ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވާ އީރާނުގެ ވަފުދަށް ވަނީ މެދުވެރިންނާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ފުރިހަމަ ބާރު ދީފައި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސީދާ ބައްދަލުކުރެއްވުން ވަނީ މަނާކޮށްފަ އެވެ.
ހުޅަނގުގެ މީޑިއާތަކުން މި ޚަބަރު ފެތުރިތާ މާގިނައިރެއް ނުވެ، އީރާނުގެ ފާރްސް ނިއުސް އެޖެންސީން ވަނީ އެ ގައުމުގެ މަސްދަރުތަކާ ހަވާލާދީ މި ރިޕޯޓް މުޅިން ދޮގުކޮށްފަ އެވެ.
ފާރްސް ނިއުސްއިން ބުނި ގޮތުގައި މި ޚަބަރު ފެތުރުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަގުތުން ދަށަށް ދިޔައެވެ. އެ އެޖެންސީން ވަނީ މިއީ ތެލުގެ ބާޒާރަށް ނުފޫޒު ފޯރުވުމަށް ބޭރުގެ ފަރާތްތަކުން ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ބުނެ، އީރާނުގެ އޮފިޝަލުން ސަމާލުވުމަށް ގޮވާލައިފަ އެވެ.
މި ވާހަކަ ފެތުރިފައި މި ވަނީ، އީރާނުގެ ދިފާއީ ހުރިހާ މަގްސަދުތަކެއް ހާސިލްވަންދެން އެ ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށް އީރާނުގެ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވެފައިވަނިކޮށެވެ.