ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އިރާނުން ހުށަހަޅާ ޝަރުތުތައް މެދުވެރިން ލައްވައި އެމެރިކާއަށް އަންގާފައިވާ ކަމަށް އީރާނުން އާދިއްތަ ދުވަހު ބުނެފި އެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކާ އެކު ފެށުނު ހަނގުރާމައަށް މަސްތަކެއް ވެފައިވާއިރު އެއްބަޔަކު އަނެއް ބަޔަކަށް ކަނޑުމަގުން ހުރަސްއަޅަމުން ތިބީ ހަނގުރާމައަށް ނިމުމެއް ނާންނަ ފަދަ ހާލަތެއްގަ އެވެ. ތެލާއި ގޭހުގެ މުހިންމު ޝިޕިން ރޫޓެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށް ހިފަހައްޓާފައިވާއިރު، އެމެރިކާއިން ދަނީ އީރާންގެ ބަނދަރުތަކާއި އިގްތިސާދު ހުއްޓުވުމަށް ފިޔަވަޅުތައް އަޅަމުންނެވެ.
"އަޅުގަނޑުމެންގެ މެސެޖުތަކާއި އަޅުގަނޑުމެންގެ ޝަރުތުތަކުގެ ތަފުސީލު މެދުވެރިންނާ ހިއްސާކޮށް އަނެއް ފަރާތަށް ވަރަށް ސާފުކޮށް އަންގާފައިވާނެ،" ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތަކުގައި އިސްކޮށް ހުންނަވާ އިރާނުގެ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވި އެވެ.
"ޝަރުތުތައް ފުރިހަމަނުވާހާ ހިނދަކު... އަދި އެމެރިކާގެ ވައުދުތަކަށް އިހުތިރާމްނުކުރާހާ ހިނދަކު، މަޝްވަރާތަކުގެ ކުރިން އޮތް ހާލަތަށް އެނބުރި ދިއުމާއި، ކަނޑުއޮޅި ހުޅުވާލުމަކީ ނުވާނެ ކަމެއް،" ގާލިބާފްއާ ހަވާލާދީ ދައުލަތުގެ ޓީވީން ރިޕޯޓުކޮށްފައިވެ އެވެ.
އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ މުހްސިން ރަޒާއީ ހޮނިހިރު ދުވަހު ވިދާޅުވީ، އީރާނުން އެމެރިކާއަށް ޝަރުތުތައް އެންގީ މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ގަތަރު މެދުވެރިކޮށް ކަމަށެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، "އަޅުގަނޑުމެންގެ ޝަރުތުތަކަކީ ހުރިހާ ދިމާލަކުން ހަނގުރާމަ ހުއްޓާލުމާއި، ހިފަހައްޓާފައިވާ އަޅުގަނޑުމެންގެ ފައިސާ ދޫކޮށްލުމާއި، އަދި ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުން" ކަމަށެވެ.
ހަނގުރާމަ ފެށުނުއިރަށްވުރެ މާ ބޮޑަށް ތައްޔާރުވެފައިވާ އިރާނަކާ އެމެރިކާއަށް ކުރިމަތިލާންޖެހޭނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
"އަޅުގަނޑުމެން އެމެރިކާއާ ދެކޮޅަށް މާ ބޮޑު ބާރަކާ އެކު، އަދި ގިނަ، ވޭންހުރި ހަމަލާތަކަކާ އެކު ކުރިމަތިލާނަން،" އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ކޮންމެ ހަމަލާއަކަށް އީރާނުން އަސްކަރީ އަދި އިގްތިސާދީ ރައްދެއް ދިނުމުގައި، ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވިޔަފާރީގެ މަސްލަހަތުތައް އަމާޒުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތިބީ ފަނާކުރުވަނިވި ހަނގުރާމައަކަށް ތައްޔާރަށް."
އޭނާ ވިދާޅުވީ އިރާނުން އެ ގައުމުގެ ހައިޕަ ސޮނިކް މިސައިލްތަކުގެ ބާރުމިން "މެޗް 6 އިން މެޗް 10 އަށް" އިތުރުކޮށްފައިވާ ކަމަށާއި، ވައިގެ ދިފާއީ ނިޒާމުތައް ތަރައްގީކޮށް "އިލެކްޓްރޯނިކް ހަނގުރާމައިގެ ނިޒާމުތައް" ވެސް އުފައްދާފައިވާ ކަމަށެވެ.
"އެހެންކަމުން އަލުން ހަނގުރާމައެއް ފެށިއްޖެ ނަމަ، އިންޑިއާ ކަނޑުން ވެސް ފައިބައިގެން ނުދާހާ ހިނދަކު، އެމެރިކާގެ ބޯޓު ފަހަރަށް ހަމަލާދެވޭނެ،" އޭނާ ވިދާޅުވިއެވެ.
މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މޮހްސިން ނަގްވީ މަޝްވަރާތަކަށް އާދިއްތަ ދުވަހު ތެހެރާނަށް ވަޑައިގަންނަވާނެ ކަމަށް އިރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ. މި ދަނޑިވަޅުގައި، އިރާނުގެ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް މިލިޓަރީ ކޮމާންޑުން އާދިއްތަ ދުވަހު ދައުލަތުގެ ޓީވީ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި އެމެރިކާއަށް އިންޒާރެއް ދީފައިވެ އެވެ.
"އިސްލާމީ ޖުމްހޫރިއްޔާއާ މުއާމަލާތް ކުރުމުގައި އެމެރިކާއިން ގޯހެއް ހަދައިފި ނަމަ، ސަރަހައްދުގައިވާ އެ ގައުމުގެ ހުރިހާ މަރުކަޒުތަކާއި މަސްލަހަތުތަކަށް އެއްވެސް އިމެއް ނުވަތަ ހިފެހެއްޓުމެއް ނެތި، މެދުކެނޑުމެއްނެތި، އަދި ވޭންހުރި ހަމަލާތަކެއް އަމާޒުވާނެ ކަމަށް އިންޒާރުކުރަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ. -- އޭއެފްޕީ