މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އާއި ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅީގެ މައްސަލައާ ގުޅޭގޮތުން ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީ އާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ރަޝިޔާގެ މޮސްކޯގައި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ގަތަރުގެ އަމީރުގެ އޮފީހުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ސަރަހައްދީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި، ހާއްސަކޮށް ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކުގެ އެންމެ ފަހުގެ މައުލޫމާތު ދެ ބޭފުޅުން ހިއްސާކުރެއްވި ކަމަށެވެ. މީގެ އިތުރުން ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާއި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ މެދު ވެސް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށް އެ ބަޔާނުގައިވެ އެވެ.
ރަޝިޔާގައި ކުރިއަށްދާ 8 ވަނަ ގޭސް އެކްސްޕޯޓިން ކަންޓްރީޒް ފޯރަމް (ޖީއީސީއެފް) ސަމިޓްގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދުނިޔޭގެ ގޭހުގެ ބޮޑު ހިއްސާއެއް އޮންނަ ދެ ގައުމުގެ ވެރިން ވަނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.
މި ބައްދަލުކުރެއްވުމަށްފަހު، މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަކިވަކިން ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މިހާރު ހިނގަމުންދާ އެމެރިކާ-އިޒްރޭލު އަދި އީރާނުގެ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ސަލާމަތީ މަސްރަހު ވަނީ ނާޒުކު ހާލަތެއްގަ އެވެ. މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ހިނގަމުންދާ މި ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާނުން ވަނީ ދުނިޔޭގެ ހަކަތައިގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އޭގެ ފަހުން އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް، ދެ ފަރާތުން ކަނޑުގެ ސަރަހައްދު ކޮންޓްރޯލްކުރުމަށް ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިންގަމުންނެވެ.
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހަނގުރާމައިގެ ތެރޭގައި، އާގުބޯޓުތަކަށް 120 އަށް ވުރެ ގިނަ ހަމަލާދީ، 24 އަށް ވުރެ ގިނަ ފަޅުވެރިން ވަނީ މަރުވެފަ އެވެ. މި ކަނޑުއޮޅި ބަންދުވުމަކީ 1970 ގެ އަހަރުތަކަށް ފަހު ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވި އެންމެ ބޮޑު ލޮޅުމެވެ. ދުނިޔޭގައި އުފައްދާ ތެލާއި ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ މި ކަނޑުއޮޅި ހުރަސްކޮށް ކަމަށްވާތީ، މިއީ މުޅި ދުނިޔޭގެ އިގްތިސާދާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ.