ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތިން ތެޔޮ ޓޭންކަރަކަށް އީރާނުން މިއަދު ހަމަލާދީ ގޮއްވާލައިފި އެވެ.

ހޮޒްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަަރަށް އީރާނުން ދޭ ހަމަލާތައް އިއްޔެއިން ފެށިގެން އިތުރުކުރީ އެ ކަނޑުއޮޅި "ބަންދު" ކަމަށް އިއްޔެ އިއުލާނުކުރުމަށް ފަހުގަ އެވެ.

ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އެޖެންސީއާ ހަވާލާދީ އަލްޖަޒީރާ ބުނީ ހަމަލާ އަމާޒުވި ތިން ޓޭންކަރުންގެ ތެރެއިން އެއް ޓޭންކަރަށް އީރާނު ސިފައިން ހަމަލާދިނީ ކުޑަ ބޯޓެއްގައި ގޮސް ރޮކެޓް ޕްރޮޕެލްޑް ގްރެނޭޑް (އާރްޕީޖީ) ބޭނުންކޮށްގެން ކަމަަށެވެ. އަނެއް ދެ ޓޭންކަރު ގޮއްވާލީ ކަނޑުމަތީގައި އަޅާފައިވާ މައިނެއް ބޭނުންކޮށްގެންނެވެ. 

އީރާނުގެ ރިވޮލިއުޝަނަރީގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނީ މިއަދު ގޮއްވާލި ތިން ޓޭންކަރުގެ ތެރެއިން އެއް ޓޭންކަރަކީ ދެ މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ދަތުރުކުރި ސުޕަޓޭންކަރެއް ކަމަށެވެ. އެއީ ނެވިގޭޝަން ސިސްޓަމް ނިއްވާލައިގެން "ޣައިރުގާނޫނީ މަގަކުން" ދަތުރުކުރި އުޅަނދެއް ކަމަށް އީރާނުން ދައުވާ ކުރެ އެވެ. އެކަމަކު ހޮޒްމޫޒްކަނޑުއޮޅިއަކީ ކޮންމެ ގައުމެއްގެ އުޅަނދަކަށް ވެސް ދަތުރުކުރުމުގެ ހުއްދަ އޮންނަ ބައިނަލްއަގުވާމީ ކަަނޑުގެ ސަރަހައްދެކެވެ.

އީރާނުން ގޮއްވާލީ ކޮންކޮން ގައުމުތަކެއްގެ އުޅަނދުތަކެއް ކަމެއް އަދި ނޭނގެ އެވެ.

ވަކި ގައުމެއްގެ މިލްކުވެރިކަން ނޯންނަ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި ކަނޑުމަގުން އުފުލާ ތެލުގެ ފަސްބައިކުޅައެއްބައި ދަތުރުކުރާ މަގެވެ. އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް މީގެ ހަތްމަސް ދުވަސް ކުރިން ހަނގުރާމަ ފެށުމާ އެކު، އިރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ނަމުގައި އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭން ފަށައިފަ އެވެ.