އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ، އިންޑިއާގެ ތެޔޮ ޓޭންކަރުތަކަށް ދޭން އީރާނުން އެއްބަސްވެފައިވާ ކަމަށް އިންޑިއާގެ މަސްދަރުތަކުން ބުނެފި އެވެ.

ދެކުނު އޭޝިއާއަށް އެތެރެކުރާ ސާފު ނުކުރާ ތެލުގެ 40 ޕަސެންޓަކީ އިންޑިއާގެ ޓޭންކަރުތަކުގައި އުފުލާ ތެލެވެ. އަަދި އިންޑިއާއަކީ މުޅި ދުނިޔެއިން ވެސް ތިން ވަނައަށް އެންމެ ގިނަ ތެޔޮ ބޭނުންކުރާ ގައުމެވެ.

އިންޑިއާ ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް ރިޕޯޓްކުރި ގޮތުގައި އިންޑިއާ އާއި އީރާނުގެ ފޮރިން މިނިސްޓަރުން ދާދިފަހުން ތިން ފަހަރެއްގެ މަތިން ވާހަކަ ދެއްކެވި އެވެ. އޭގެ ތެރެއިން އެންމެފަހުން މަޝްވަރާކުރީ އިންޑިއާގެ އުޅަނދުތަކުގެ ސަލާމަތާއި އެގައުމަށް ބޭނުންވާ ތެޔޮ ގެނެވޭނެ ގޮތްތަކާ ބެހޭގޮތުންނެވެ. 

"މީގެ އިތުރަށް އަޅުގަނޑު އެއްޗެއް ބުނަން އަދި އަވަސް، " އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ކޮންމެ ހަފުތާއަކު ބާއްވާ ޕްރެސް ބްރީފިން ގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވި އެވެ. 

ރޮއިޓާސްގެ ރިޕޯޓްގައި ބުނީ އިންޑިއާގެ ޓޭންކަރުތަކަށް އީރާނުން ހުއްދަދޭން އެއްބަސްވެފައިވާ ކަމަށް އެ އެޖެންސީއަށް މައުލޫމާތު ދިން، އިންޑިއާގެ މަސްދަރުތަކުން ނަން ހާމަކުރަން އެއްބަސްނުވި ކަމަށެވެ. ނަމަވެސް އީރާނުން ބޭރުގައި ތިބި އީރާނުގެ ބައެއް މަސްދަރުތަކުން އެ ވާހަކަ ދޮގުކުރާ ކަމަށް ވެސް އެ ރިޕޯޓްގައި ބުންޏެވެ.

އެހެން ނަމަވެސް އިންޑިއާގެ މަސްދަރުތަކުން ރޮއިޓާސް އަށް ބުނެފައިވާ ގޮތުގައި އިންޑިއާ ދިދަ ޖެހި ތެޔޮ ޓޭންކަރެއް މިހާރު ވެސް ވަނީ ހޮރުމުޒް ކަނޑުއޮޅި ހުރަސްކޮށްފަ އެވެ. އެހެން ނަމަވެސް އީރާނުގެ ސަރުކާރުގެ ތެރޭގައި އެއް އިދާރާއާއި އަނެއް އިދާރާއާ ދެމެދު މައުލޫމާތު ފޮނުވުން އޮތްގޮތުން ހާލަތު ކޮންމެ ހިނދަކު ވެސް ބަދަލުވެދާނެ ކަމަށް ވެސް އެ މަސްދަރުތަކުން ބުންޏެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ހަނގުރާމަ ފެށިފަހުން ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރަން ދިޔަ 16 ބޯޓަކަށް އީރާނުން ވަނީ ހަމަލާދީފަ އެވެ. އެ ގައުމުން ބުނަމުން ގެންދަނީ އެމެރިކާގެ ހަމަލާތަކުގެ ބަދަލުހިފާނެ ކަމަށާއި އެކަމުގެ ތެރޭގައި ތެޔޮފީފާއެއްގެ އަގު 200 ޑޮލަރަށް އަރާނެ ކަމަށެވެ.