އިންޑިއާގެ ދިދާގައި ދަތުރުކުރި ދެ އުޅަނދަކަށް ހޮރްމޫޒް ކަނޑުއޮޅީގައި ބަޑިޖެހުމުން އިންޑިއާ ސަރުކާރުން މިއަދު އީރާނުގެ ސަފީރު ހާޒިރުކޮށް ރަސްމީކޮށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއިން އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލިކަން އީރާނުން އިއްޔެ އިއުލާނުކުރި ނަމަވެސް މިއަދު ވަނީ އަލުން އެ މަގު ބަންދުކޮށްފަ އެވެ. އެއީ އެމެރިކާއިން އީރާންގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ނުގެންނާތީ އެވެ.
ހޯރްމޫޒް ކަނޑުއޮޅިއަކީ ސާފުނުކުރާ ތެލާއިއި ގޭސް އުފުލުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް މަގެވެ.
ސެކިއުރިޓީ މޮނިޓަރުން ބުނާ ގޮތުގައި، މިއަދު އެ ކަނޑުއޮޅި ހުރަސްކުރަން އުޅުނު ބައެއް ވިޔަފާރި އުޅަނދުތަކަށް އީރާނުގެ އަސްކަރިއްޔާއިން ވަނީ ބަޑީގެ ހަމަލާދީ ބިރުދައްކައިފަ އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ، ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އީރާނުގެ ސަފީރު ހާޒިރުކުރައްވައި، އިންޑިއާގެ ދެ އުޅަނދަކަށް މިއަދު ދިން ހަމަލާތަކާ ގުޅިގެން އިންޑިއާގެ ކަންބޮޑުވުން ރަސްމީކޮށް ހިއްސާކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން، އިންޑިއާއަށް މިސްރާބު ހުރި އުޅަނދުތަކަށް އެ ކަނޑުއޮޅިން ދަތުރުކުރެވޭނެ އިންތިޒާމު ވީހާވެސް އަވަހަކަށް އަލުން ހަމަޖައްސައިދިނުމަށް ވެސް އިންޑިއާއިން ވަނީ އެދިފަ އެވެ. އީރާނުގެ ސަފީރު ވަނީ މި މެސެޖު އީރާނުގެ ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ކަނޑުދަތުރުފަތުރުގެ ކަންކަން މޮނިޓާކުރާ 'ޓޭންކާ ޓްރެކާސް" އިން އެކްސްގައި ބުނި ގޮތުގައި، އީރާނުގެ އިންގިލާބީ ލަޝްކަރުގެ ކަނޑުގެ ސިފައިން ވަނީ އިންޑިއާގެ ދެ އުޅަނދަކަށް ހުރަސްއަޅައި، ކަނޑުއޮޅިން ބޭރަށް (ހުޅަނގަށް) ދާން މަޖުބޫރުކުރުވައިފަ އެވެ.
މީގެ ތެރޭގައި އިރާގުގެ ދެ މިލިއަން ފީފާގެ ތެޔޮ ހިފައިގެން ދަތުރުކުރި އިންޑިއާގެ ދިދަ ޖެހި "ވީއެލްސީސީ" ސުޕަޓޭންކަރެއް ވެސް ހިމެނެ އެވެ.
އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން އެލްޕީޖީ ގަންނަ ގައުމެވެ. ފެބްރުއަރީ 28 ގައި މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން އިންޑިއާއަށް ވަނީ ގޭހުގެ ދަތިކަމާ ކުރިމަތިލާން ޖެހިފަ އެވެ. އިންޑިއާއަށް ބޭނުންވާ ގޭހުގެ 60 ޕަސެންޓް އެތެރެކުރަނީ މި ސަރަހައްދުންނެވެ.
އިންޑިއާއަކީ އީރާނާއެކު ވަރުގަދަ ގުޅުމެއް ބާއްވާ ގައުމަކަށް ވީ ނަމަވެސް، އީރާނުގެ ވާދަވެރި އިޒްރޭލާއެކު ދިފާއީ، ދަނޑުވެރިކަން، ޓެކްނޮލޮޖީ އަދި ސައިބާ ސެކިއުރިޓީގެ ދާއިރާއިން އިންޑިއާއިން އަންނަނީ ގުޅުން ބަދަހިކުރަމުންނެވެ. -- އޭއެފްޕީ