ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައިވާ ހޮރްޒުމް ކަނޑޯޅިން ދަތުރުކުރި ތައިލެންޑުގެ ބަލްކް ކެރިއަރަކަށް މިއަދު ހަމަލާ ދީފައިވާ ކަމަށާއި މިހާތަނަށް އެ އުޅަނދުން 20 މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ތައިލެންޑުންގެ ނޭވީން ބުނެފި އެވެ. 

ރޯޔަލް ތައި ނޭވީން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ތައިލެންޑަށް ނިސްބަތްވާ މަޔޫރީ ނާރީގެ ހަލްގެ އިތުރުން ސުޕަ ސްޓްރަކްޗާ އިން ކަޅު ދުން އަރަމުންދެ އެވެ.

އުޅަނދަށް ހަމަލާ ދިނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޚަލީފާ ބަނދަރުން ފުރައިގެން ހޮރްމުޒް ކަނޑޯޅި ހުރަސްކޮށް ދަތުރު ކުރަމުން ދަނިކޮށް ކަމަށް ނޭވީގެ ބަޔާނުގައި ބުންޏެވެ. 

"އިތުރު ތަފްސީލްތަކާއި ހަމަލާގެ ބާވަތް ފަދަ ކަންކަން އިތުރަށް މި ދަނީ ތަހުގީގުކުރަމުން،" ބަޔާނުގައިވެ އެވެ. 

އޮމާންގެ ނޭވީން ބުނީ މިހާތަނަށް 20 ފަޅުވެރިން ސަލާމަތް ކޮށްފައިވާ ކަމަށާއި ބާކީ ތިބި ތިން ފަޅުވެރިން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ރޯޔަލް ތައި ނޭވީން އާންމުކުރި މި ފޮޓޯއިން އެ ފެންނަނީ ތައިލެންޑުގެ ކުންފުންޏަކުން އޮޕަރޭޓްކުރާ މަޔޫރީ ނާރީއަށް ހޮރްމުޒް ކަނޑޯޅީގައި ދިން ހަމަލާއަށް ފަހު އޭގެ ހަލްގެ އިތުރުން ސުޕަ ސްޓްރަކްޗާ އިން ދުން އަރާތަން.
ރޯޔަލް ތައި ނޭވީން އާންމުކުރި މި ފޮޓޯއިން އެ ފެންނަނީ ތައިލެންޑުގެ ކުންފުންޏަކުން އޮޕަރޭޓްކުރާ މަޔޫރީ ނާރީއަށް ހޮރްމުޒް ކަނޑޯޅީގައި ދިން ހަމަލާއަށް ފަހު އޭގެ ހަލްގެ އިތުރުން ސުޕަ ސްޓްރަކްޗާ އިން ދުން އަރާތަން.

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން ގެންދަނީ ތެޔޮ އެކްސްޕޯޓް ކުރާ އަވަށްޓެރި ގައުމުތަކާ ދެކޮޅަށް ހަމަލާތައް ދީ، ހޮރްމޫޒް ކަނޑޯޅިން ބޯޓު ފަހަރަށް ދަތުރު ކުރުމަށް ހުރަސްއަޅަމުންނެވެ. އެހެންވެ ދުނިޔޭގެ ހަކަތައިގެ އިގުތިސާދު ވަނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ. 

ތައިލެންޑުގެ އުޅަނދަށް ހަމަލާދިން ކަމަށް ރިޕޯޓްކޮށްފައިވަނީ ކޮމާޝަލް ތިން ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ސެންޓަރުން ކުރިން ބުނެފައި ވަނިކޮށެވެ. ނަމަވެސް އެއީ އެ ތިން ހަމަލާގެ ތެރެއިން ހަމަލާއެއް ކަމެއް އަދި ނޭނގެ އެވެ. 

އުޅަނދުތައް ޓްރެކްކުރާ ވެބްސައިޓްތަކުން ފެންނަ ގޮތުގައި އޮމާންގެ އައްސޭރިފަށުގައި އޮތް މަޔޫރީ ނާރީގެ ސްޕީޑް ހުރީ ގަޑިއަކު 1 ނޮޓިކަލް މޭލަރަށް ވުރެ ވެސް ދަށްކޮށެވެ. އެ ވެބްސައިޓްތަކުގެ މައުލޫމާތުން އެނގޭ ގޮތުގައި 178 މީޓަރު ދިގު އެ އުޅަނދުގައި 30،000 ޓަނު އުފުލެ އެވެ. އަދި އޭރު ދަތުރުކުރަމުން ދިޔައީ އިންޑިއާގެ ކަންޑްލާ އަށެވެ. 

ތައިލެންޑުގެ ނޭވީން ބުނީ އެއީ ތައިލެންޑުގެ ޓްރާންސްޕޯޓު ކުންފުންޏެއް ކަމަށްވާ ޕްރިޝިއަން ޝިޕިންގެ  އުޅަނދެއް ކަމަށެވެ. -- އޭއެފްޕީ