އެލްޕީޖީ ގޭސް އުފުލާ، އިންޑިއާގެ އިތުރު ދެ ޓޭންކަރެއް މިއަދު ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށް އިންޑިއާގެ ޝިޕިން މިނިސްޓްރީން ބުނެފި އެވެ.

ސާފުނުކުރާ ތެލާއި ކައްކާ ގޭސް އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅި މިހާރު ވަނީ އެމެރިކާ އާއި އިޒްރޭލުގެ އަސްކަރީ ހަމަލާތަކާ ގުޅިގެން އީރާނުން އެއްކޮށްހެން ބަންދުކޮށްފަ އެވެ. އެކަމަކު އީރާނުން ބުނެފައިވަނީ އެ ގައުމަށް ހަމަލާ ދިނުމުގައި ބައިވެރިނުވާ ގައުމުތަކުގެ އުޅަނދުތަކަށް ރައްކާތެރިކަމާ އެކު ދަތުރުކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. 

އިންޑިއާގެ ޝިޕިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޖުމްލަ 94,000 ޓަނުގެ އެލްޕީޖީ ހިފައިގެން "ބީޑަބްލިޔު ޓައިއާ" އަދި "ބީ.ޑަބްލިޔު އެލްމް" ނަމަކަށް ކިޔާ ދެ އުޅަނދު އިންޑިއާގެ އައްސޭރިފަށަށް ދަތުރުކުރަމުންދާ ކަމަށެވެ. 

ބަޔާނުގައިވާ ގޮތުން "ބީ.ޑަބްލިޔު ޓައިއާ" ދަތުރުކުރަނީ މުމްބާއީއަށެވެ. އަދި "ބީ.ޑަބްލިޔު އެލްމް" މިސްރާބު ޖަހާފައިވަނީ ނިއު މެންގަލޯރަށެވެ.

މީގެ ކުރިން އިންޑިއާގެ އެލް.ޕީ.ޖީ އުފުލާ ހަތަރު އުޅަނދެއް ވަނީ މި ކަނޑުއޮޅި ހުރަސްކޮށްފަ އެވެ. ނަމަވެސް އިންޑިއާގެ ދިދަ ޖަހާފައިވާ 18 އުޅަނދަކާއި، އިންޑިއާގެ 485 ފަޅުވެރިން އަދިވެސް ގަލްފު ސަރަހައްދުގައި ދަތުރު ނުކުރެވި ތާށިވެފައި އެބަތިއްބެވެ.

އިންޑިއާއަކީ ދުނިޔޭގައި ހަތަރުވަނައަށް އެންމެ ގިނައިން އެލްއެންޖީ ގަންނަ ގައުމެވެ. އަދި ދެވަނައަށް އެންމެ ގިނައިން އެލްޕީޖީ ގަންނަ ގައުމު ވެސް މެ އެވެ. އިންޑިއާގައި ކެއްކުމަށް ބޭނުންކުރާ މި ގޭސް އެ ގައުމަށް އެންމެ ގިނައިން އެތެރެކުރަނީ މެދުއިރުމަތިންނެވެ.

ގޭސް އެތެރެކުރުމަށް ބުރޫއެރުމާ ގުޅިގެން، ގުދުރަތީ ގޭހާއި ކައްކާ ގޭސް ވިއްކުން ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ވަނީ ފިޔަވަޅުތައް އަޅައިފަ އެވެ.

އިންޑިއާއިން އީރާނާ އެކު ބަދަހި ގުޅުމެއް ބާއްވަމުން އައި ނަމަވެސް، ދިފާއީ ދާއިރާ، ދަނޑުވެރިކަން، ޓެކްނޮލޮޖީ އަދި ސައިބަ ސެކިއުރިޓީގެ ދާއިރާއިން އިޒްރޭލާ އެކު ބާއްވާ ގުޅުން ވެސް ދަނީ ފުޅާކުރަމުންނެވެ. -- އޭއެފްޕީ