ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) އުފުލާ އިންޑިއާގެ ދެ ޓޭންކަރު ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑޯޅި ހުރަސްކޮށް އިންޑިއާއަށް ދަތުރުކުރަމުން އަންނަ ކަމަށް އެ ގައުމުގެ ޝިޕިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިއީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށުމުން ރައްދުގައި އީރާނުން ދޭ ހަމަލާތަކުގައި ގާތްގަނޑަކަށް އެއްކޮށް ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑޯޅި ހުރަސްކުރުމަށް އީރާނުން ދިން ހާއްސަ އިސްތިސްނާއެއްގެ ދަށުން ދަތުރުކުރި ދެ ޓޭންކަރެވެ.
ހޮރްމޫޒް ކަނޑޯޅި އަކީ މުޅި ދުނިޔެއަށް ސަޕްލައިކުރާ ތެލާއި ގޭހުގެ ގާތްގަނޑަކަށް ފަސް ޕަސެންޓް އުފުލުމަށް އާންމުކޮށް ބޭނުންކުރާ މަގެވެ.
"އެ އުޅަނދުތައް ވަނީ ހެނދުނު ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑޯޅި ހުރަސްކޮށް އިންޑިއާއަށް އަންނަނީ ދަތުރުކުރަމުން،" ދިއްލީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިންޑިއާގެ މިނިސްޓްރީ އޮފް ޕޯޓްސް، ޝިޕިން އެންޑް ވޯޓާވޭޒްގެ ސްޕެޝަލް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް 92،700 މެޓްރިކް ޓަނުގެ އެލްޕީޖީ ހިފައިގެން ދަތުރުކުރާ "ޝިވާލިކް" އާއި "ނަންދާ ދޭވީ" ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އިންޑިއާއަށް ފޯރާނެ އެވެ.
އިންޑިއާގެ ދެ ޓޭންކަރަށް ދަތުރުކުރުމުގެ ފުރުސަތު ދީފައި މި ވަނީ އިންޑިއާ އާއި އީރާނާ ދެމެދު ކުރި މަޝްވަރާތަކަށް ފަހުގަ އެވެ. އިންޑިއާގެ ފޮރިން މިނިސްޓަރު އެސް ޖައިޝަންކަރު ވަނީ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީއާ އެކު މަޝްވަރާކުރި ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއާ ވެސް މަޝްވަރާކުރެއްވި ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާއަކީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ގިނައިން ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގަންނަ ގައުމު ކަމަށް ވާއިރު އެންމެ ގިނައިން އެ ގައުމަށް ގޭސް ސަޕްލައިކުރަނި މެދުއިރުމަތިންނެވެ. އަދި މި ގޭސް އެންމެ ގިނައިން ބޭނުންކުރުމަކީ ކެއްކުމަށެވެ.
ސަޕްލައި ދަށްވުމާ ގުޅިގެން އިންޑިއާއިން ވަނީ ގުދުރަތީ ގޭހާއި ކައްކާ ގޭސް ވިއްކުމުގެ ކޮންޓްރޯލް ހަރުކަށި ކުރަން އަންގާރަ ދުވަހު އަންގައިފަ އެވެ. އިންޑިއާގެ ޕެޓްރޯލިއަމް މިނިސްޓްރީން ބުނީ އާ އުސޫލުގައި އިސްކަންދޭ ދާއިރާތަކަށް ހަމަހަމަ ގޮތެއްގައި ގޭސް ލިބޭނެކަން ކަށަވަރުވާނެ ކަމަށެވެ. -- އޭއެފްޕީ