އެއްގަމުމަގުން އީރާނަށް ހަތިޔާރާއި މަނާ އެހެން ތަކެތި އުފުލާ ކަމަށް ތުހުމަތުކޮށް، އެ މަގުތަކަށް ހުރަސް އަޅަން އެމެރިކާއިން ޓާސްކްފޯހެއް އުފައްދައިފި އެވެ.
އެމެރިކާ ސިފައިން އިއުލާނުކޮށްފައިވާ ގޮތުގައި އީރާނަށް އެއްގަމުމަގުން ހަތިޔާރާއި މަނާ އެހެން ބާވަތްތައް ގެންދަން ކުރާ ދަތުރުތަކަށް ހުރަސް އަޅަން އުފެއްދީ 20 މެންބަރުން ހިމެނޭ ޓާސްކްފޯހެކެވެ.
އީރާނަށް ދަތިކުރަން އެމެރިކާއިން އާ ފިޔަވަޅެއް އަޅާފައި މިވަނީ، ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް، ކަނޑުމަގުން އެގައުމަށް މުދާ އެތެރެކުރުމާއި އެގައުމުން މުދާ ބޭރުކުރުން ހުއްޓުވަން މިދިޔަ އަށް މަސްދުވަހު ދެމެހެއްޓި ފިޔަވަޅުތައް ފުޅާކުރުމުގެ ގޮތުންނެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލު ގުޅިގެން ހަނގުރާމަކުރަން ފެށި ފަހުން މިވީ އަށް މަސްދުވަހު ވެސް އެގައުމަށް ކަނޑުމަގުން މުދާ އުފުލިޔަ ނުދޭން އެމެރިކާއިން ދިޔައީ ފިޔަވަޅުތައް އަޅަމުންނެވެ. ހަނގުރާމަ ފެށުމާ އެކު އީރާނުން ވެސް ވަނީ ހޮރްމޫޒްކަނޑުއޮޅި "ބަންދު" ކަމަށް އިއުލާނުކޮށްް، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދެން ފަށައިފަ އެވެ.
"ޓެރަރިޒަމަށް ހަރަދުކުރުމާއި ހަތިޔާރު އުފައްދާ ކާރުހާނާތައް އަލުން ބިނާކޮށް އަސްކަރީ ބާރުވެރިކަން އާކުރަން ކުރާ މަސައްކަތަށް ޓާސްކްފޯހުން ހުރަސްއަޅާނެ،" އެކްސްގައި ކުރި ޕޯސްޓެއްގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ޗީފް ބްރެޑް ކޫޕާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ޓާސްކްފޯހުގައި ހިމެނެނީ އެމެރިކާގެ ފްލޮރިޑާގައި ގާއިމްވެ ތިބޭ މަދަނީ އޮފިޝަލުންތަަކަކާއި ސިފައިންނެވެ.
އެމެރިކާގެ އެ ފިޔަވަޅަށް ރައްދުދެމުން އީރާނުގެ ރިވޮލިއުޝަނަރީގާޑް ކޯޕްސް އިން ބުނީ އެމެރިކާއިން އެންމެ ފަހުން ފެށި މަސައްކަތް ނާކާމިޔާބުވާނެ ކަމަށާއި އިގުތިސާދީގޮތުން އީރާނު އިނދަޖައްސައިނުލެވޭނެ ކަމަށެވެ.
"އިގުތިސާދީ ގޮތުން ހިސާރުކުރަން އެކި ނަންނަމުގައި ތަފާތު ރޭވުންތަކާ އެކު އެމެރިކާއިން ކުރާ މަސައްކަތް ކާމިޔާބެއް ނުކުރެވޭނެ،" ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ތަރުޖަމާން ހުސައިން މުހީބީ ވިދާޅުވި އެވެ.
އީރާނާއި އަވަށްޓެރިގައުމުތަކާ ދެމެދު ކުރާ މުވާސަލާތު ހުއްޓުވަން އެމެރިކާއިން ކުރާ މަސައްކަތް ކާމިޔާބުނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެެ.