އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މައުލޫމާތު ދޭ މީހަކަށް 20 މިލިއަން ޑޮލަރުގެ އިނާމެއް ދޭން އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހުށަހަޅައިފި އެވެ.

ސެންޓްކޮމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކާއި އިކްއިޕްމެންޓް އަދި ސައިންސްވެރިން ހިމެނޭ ގޮތުން ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މީހުންންނާ ބެހޭ މައުލޫމާތު ދޭ މީހަކަށް "ރިވާޑް ފޯ ޖަސްޓިސް" އިން 20 މިލިއަން ޑޮލަރު ދޭނެ ކަމަށެވެ. 

އެފަދަ މައުލޫމާތު ދޭ މީހަކު ރައްކާތެރިކުރުމުގެ ގޮތުން އެހެން ތަނަކަށް ބަދަލުކުރަން ޖެހޭ ނަމަ އެކަން ކޮށް ކޮށްދޭނެ ކަމަށް ވެސް އެމެރިކާއިން ބުންޏެވެ.

އީރާނުން 60 ޕަސެންޓަށް ޔުރޭނިއަމް ފައްކާކޮށްފައިވާ ކަމަށް އިންޓަނޭޝަަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން މިދިޔަ އަހަރު ބުނި ކަމަށާއި ނިއުކްލިއަ ހަތިޔާރު އުފެއްދޭ ވަރަށް (90 ޕަސެންޓަށް) ޔުރޭނިއަމް ފައްކާކުރުމަކީ ކުދިކުދި ޓެކްނިކަލް މަސައްކަތްތަކަކާ އެކު އެގައުމަށް ކުރެވޭނެ ކަމެއް ކަަމަށް ވެސް އެމެރިކާއިން ބުންޏެވެ. ނިއުކްލިއަ ހަތިޔާރު ނެތް ގައުމުތަކުގެ ތެރެއިން އެންމެ ގިނަ މިންވަރެއްގެ ޔުރޭނިއަމް ފައްކާކޮށްފައިވާ ގައުމަކީ އީރާން ކަމަށް ވެސް އެމެރިކާއިން ތުހުމަތުކުރެ އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މައުލޫމާތު ހޯދަން އެމެރިކާއިން މިހާ ބޮޑު އިނާމެއް ހުށަަހަޅާފައި ވާއިރު އެގައުމުން މިހާރު ވެސް ގެންދަނީ އީރާނާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. އެ ހަނގުރާމަ ފެށުމުގެ ކުރިން ވެސް އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް އެމެރިކާއިން އެއްފަހަރު ހަމަލާ ދިނެވެ. އެފަހަރު ހަމަލާދިނުމަށް ފަހު އެމެރިކާއިން ބުނީ އީރާނުގެ ނިއުކްލިއަ ފެސިލިޓީތައް މުޅިން ހަލާކުކޮށްލާފައިވާ ކަމަށެވެ.