މި އަހަރުގެ އޮސްކާ އެވޯޑް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އީރާނުން އެމެރިކާގެ ކެލިފޯނިއާއަށް ޑްރޯން ހަމަލާއެއް ދީފާނެކަމުގެ އިންޒާރު އެފްބީއައި އިން ދީފައި ވާތީ އެ ހަފުލާގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި އެވެ.
އޭބީސީ ނިއުސްގެ ރިޕޯޓެއްގައި މިއަދު ބުނީ އެމެރިކާގެ އަސްކަރީ ހަރަކާތްތަކުގެ ބަދަލުހިފުމެއްގެ ގޮތުން އީރާނުން އެމެރިކާގެ ހުޅަނގު އައްސޭރިއަށް ޑްރޯން ހަމަލާއެއް ފޮނުވާލުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެފްބީއައި އިން ކެލިފޯނިއާގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ސިއްރު މެމޯއެއް ފޮނުވާފައިވާ ކަމަށެވެ.
އެ އިންޒާރާ ގުޅިގެން ލޮސް އެންޖެލިސް ކައުންޓީ ޝެރިފް ޑިޕާޓްމަންޓުން ބުނެފައި ވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން މިހާރު ހުރީ ވަރަށް މަތީ ދަރަޖައެއްގައި ކަމަށާއި، ފުލުހުން ތިބީ ކޮންމެ ފަދަ ހާލަތަކަށް ވެސް ތައްޔާރުވެގެން ކަމަށެވެ.
މި އަހަރު ބާއްވާ 98 ވަނަ އޮސްކާ އެވޯޑް ހަފުލާގެ އެގްޒެކެޓިވް ޕްރޮޑިއުސަރު ރާޖް ކަޕޫރު ވެރައިޓީ ނޫހަށް ބުނީ އެވޯޑް ހަފްލާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދުނިޔޭގެ އެންމެ މޮޅު ޓީމުތައް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެފްބީއައި އާއި އެލްއޭޕީޑީ ގުޅިގެން ކަންކަން ވަރަށް ގާތުން މޮނިޓަރު ކުރަމުން އަންނަ ކަމަށާއި އެ ހަފުލާއަށް ދާ މެހެމާނުންނާއި މަގުމަތީގައި ތިބޭ ސަޕޯޓަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެ ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ރާޖް ބުނި ގޮތުގައި، ސަލާމަތީ ކަންކަން ވަރުގަދަކުރި ނަމަވެސް، އެކަންކަން ކުރިއަށް ގެންދާނީ އާންމުންނަށް އުނދަގޫ ނުވާނެހެން "ނުފެންނަ" ގޮތަކަށެވެ.
ކޮނަން އޯބްރަޔަން ހޯސްޓްކުރާ މި އަހަރުގެ އޮސްކާ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޮލީވުޑްގެ ޑޮލްބީ ތިއޭޓަރުގައި، ރާއްޖޭ ގަޑިން ހޯމަ ދުވަހުގެ ހެނދުނު 7 ޖަހާއިރެވެ. އެ ހަފްލާ ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުތަކުގައި ވަގުތުން ދެއްކުމަށް ވަނީ ހަމަޖައްސައިފަ އެވެ.
އެމެރިކާ އާއި އިޒުރޭލުން އީރާނާ ދިން ހަމަލާތާ ގުޅިގެން ފެށުނު ހަނގުރާމައިގެ 12 ވަނަ ދުވަސް ފެށިފައި ވާއިރު، އީރާނުގެ އިންގިލާބީ ލަޝްކަރުން ވަނީ އެމެރިކާ އާއި އިޒްރޭލުގެ މަސްލަހަތާ ގުޅުން ހުރި ކަމަށް ބެލެވޭ "އިގްތިސާދީ މަރުކަޒުތަކާއި ބޭންކުތައް" ވެސް ހަމަލާތަކުގެ އަމާޒަކަށް ހަދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އީރާން އަސްކަރިއްޔާގެ ވަރުގަދަ ފައުޖު ކަމަށްވާ އިންގިލާބީ ލަޝްކަރުގެ ކޮމާންޑަ އިން ޗީފް ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ "މި ކުރެވެނީ އެމެރިކާ އާއި މުޅި ދުނިޔޭގެ އިގްތިސާދު ފުނޑުފުނޑުވާނެ ދިގު ހަނގުރާމައެއް ކުރަންޖެހިދާނެ ކަމާ މެދު" އެމެރިކާ އާއި އިޒްރޭލުން ވިސްނަން ޖެހޭނެ ކަމަށެވެ.