މި އަހަރުގެ އޮސްކާ އެވޯޑްގައި އެންމެ ގިނަ ނޮމިނޭޝަންތައް އެމެރިކާގެ ބިރުވެރި ފިލްމު "ސިނާސް"އަށް ލިބިއްޖެ އެވެ.
އަންނަ މާޗު މަހުގެ 15 ވަނަ ދުވަހު ބާއްވާ 98 ވަނަ އޮސްކާ އެވޯޑްގެ ނޮމިނޭޝަންތައް އިއުލާންކުރީ އިއްޔެ އެވެ.
މިފަހަރުގެ ނޮމިނޭޝަންތަކުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައި ވަނީ ރަޔަން ކޫގްލާގެ "ސިނާސް" އެވެ. އެ ފިލްމު ވަނީ 16 ނޮމިނޭޝަނާ އެކު، އޮސްކާގެ ތާރީހުގައި ވެސް އެންމެ ގިނަ ނޮމިނޭޝަން ހޯދި ފިލްމުގެ ރެކޯޑް މުގުރާލައިފަ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑައިރެކްޓަރު އަދި އެ ފިލްމުގެ ލީޑް އެކްޓަރު މައިކަލް ބީ ޖޯޑަންއަށް ލިބުނު އެންމެ މޮޅު އެކްޓަރުގެ ނޮމިނޭޝަން ވެސް ހިމެނެ އެވެ.
ދެން އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނީ އެކްޝަން ތުރިލާ "ވަން ބެޓުލް އާފްޓާ އެނަދާ" އަށެވެ. އެ ފިލްމަށް 13 ނޮމިނޭޝަނެއް ލިބިފައިވެ އެވެ. އޭގެ ތެރޭގައި އެ ފިލްމުގެ ލީޑް އެކްޓަރު އަދި މީގެ ކުރިން އޮސްކާ އެވޯޑް ކާމިޔާބުކޮށްފައިވާ ލިއޮނާޑޯ ޑިކެޕްރިއޯއަށް ލިބުނު އެންމެ މޮޅު އެކްޓަރުގެ ނޮމިނޭޝަން ވެސް ހިމެނެ އެވެ.
ހޮލީވުޑްގެ ޒުވާން އެކްޓަރު ޓިމޮތީ ޝެލަމޭ މުހިންމު ރޯލެއް ކުޅެފައިވާ "މާޓީ ސުޕްރީމް"އަށް ވެސް ގިނަ ނޮމިނޭޝަންތަކެއް ލިބިފައިވެ އެވެ.
މުހިންމު ކެޓަގަރީތަކުގެ ނޮމިނޭޝަންތައް
އެންމެ މޮޅު ފިލްމު:
- ސިނާސް
- ވަން ބެޓުލް އާފްޓާ އެނަދާ
- ފްރެންކެސްޓައިން
- މާޓީ ސުޕްރީމް
- ހެމްނެޓް
އެންމެ މޮޅު އެކްޓަރު:
- މައިކަލް ބީ ޖޯޑަން (ސިނާސް)
- ލިއޮނާޑޯ ޑިކެޕްރިއޯ (ވަން ބެޓުލް އާފްޓާ އެނަދާ)
- ޓިމޮތީ ޝެލަމޭ (މާޓީ ސުޕްރީމް)
- އީތަން ހޯކް (ބްލޫ މޫން)
-
ވެގްނަ މޯރާ (ދަ ސީކްރެޓް އޭޖެންޓް)
އެންމެ މޮޅު އެކްޓްރެސް:
- ޖެސީ ބަކްލީ (ހެމްނެޓް)
- އެމާ ސްޓޯން (ބުޔޯނިއާ)
- ރޯޒް ބާން (އިފް އައި ހޭޑް ލެގްސް އައި ވުޑް ކިކް ޔޫ)
-
ރެނޭޓް ރެއިންސްވޭ (ސެންޓިމެންޓަލް ވެލިއު)
- ކޭޓް ހަޑްސަން (ސޯން ސަންގް ބްލޫ)
އެންމެ މޮޅު ޑައިރެކްޓަރު:
- ރަޔަން ކޫގްލާ (ސިނާސް)
- ކްލޯއީ ޒާއޯ (ހެމްނެޓް)
- ޕޯލް ތޯމަސް އެންޑަސަން (ވަން ބެޓުލް އާފްޓާ އެނަދާ)
- ޖޯޝް ސެފްޑީ (މާޓީ ސުޕްރީމް)
- ޖޯކިމް ޓްރިއާ (ސެންޓިމެންޓަލް ވެލިއު)
ފާހަގަކޮށްލެވޭ ބައެއް ކަންކަން
މިފަހަރުގެ އޮސްކާއަށް ވަނީ ބެސްޓް ކާސްޓިން ކިޔާ އާ ކެޓަގަރީއެއް އިތުރުކޮށްފަ އެވެ. މިއީ، 2001 ވަނަ އަހަރު އެންމެ މޮޅު އެނިމޭޓެޑް ފީޗާ ފިލްމުގެ ކެޓަގަރީ ތައާރަފު ކުރި ފަހުން އޮސްކާއަށް އާ ކެޓަގަރީއެއް އިތުރު ކުރި ފުރަތަމަ ފަހަރެވެ.
ފިލްމެއްގެ ކާސްޓް އެކުލަވާލުމުގައި ކާސްޓިން ޑައިރެކްޓަރުން ކުރާ މުހިންމު މަސައްކަތް ބަލައިގަތުމުގެ ގޮތުން ދޭ އެ އެވޯޑަށް ފުރަތަމަ ފަހަރަށް ނޮމިނޭޓުވި ފިލްމުތަކުގެ ތެރޭގައި ހިމެނެނީ "ސިނާސް"، "ވަން ބެޓުލް އާފްޓާ އެނަދާ"، "ހެމްނެޓް"، "މާޓީ ސުޕްރީމް" އަދި "ދަ ސީކްރެޓް އޭޖެންޓް" އެވެ.
މިފަހަރުގެ އޮސްކާ އެވޯޑް ހަފްލާ ހޮސްޓްކުރާނީ މަޝްހޫރު ކޮމެޑީއަން ކޯނަން އޯބްރަޔަން އެވެ.