އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާ މަސައްކަތްތަކަށް އޮސްކާ އެވޯޑް ނުދޭން އެކަޑަމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސް އިން އިއްޔެ ނިންމައިފި އެވެ.
އަންނަ އަހަރު ބާއްވާ 99 ވަނަ އޮސްކާ އެވޯޑަށް ގެނައި މުހިންމު ބަދަލުތަކެއް އެކަޑަމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސް އިން ވަނީ އިއުލާނުކޮށްފަ އެވެ.
އެ ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އޭއައި ބޭނުންކޮށްގެން އުފައްދާ މަސައްކަތްތަކާ ގުޅޭ ގޮތުން ނިންމި ނިންމުމެވެ. އެކަޑަމީން ކަނޑައެޅި ގޮތުގައި، އެކްޓިން ކެޓަގަރީތަކުން ނޮމިނޭޓް ކުރެވޭނީ ހަމައެކަނި އިންސާނުންނަށެވެ. މިއީ އޭއައި ބޭނުންކޮށްގެން އުފައްދާ "ޑިޖިޓަލް ރިޕްލިކާ"ތަކަށް އެވޯޑް ނުލިބޭނެކަން ކަށަވަރު ކުރުމަށް އެޅި ފިޔަވަޅެކެވެ.
"ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމު" ކެޓަގަރީއަށް ހުށަހަޅާ ފިލްމުތަކުގައި ހުންނަން ޖެހޭ އިނގިރޭސި ނޫން ބަހުގެ ސަބްޓައިޓްލްތަކުގެ ފެންވަރު ހިފެހެއްޓުމަށް އާ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އަދި އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލަކުން ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީއެއް ލިބިއްޖެ ނަމަ، ގައުމެއްގެ ފަރާތުން ނޫނަސް ޑައިރެކްޓަރަކަށް އެ ފިލްމު އޮސްކާއަށް ހުށަހަޅޭނެ އެވެ.
އިންޓަނޭޝަނަލް ފީޗާ ފިލްމު އެވޯޑް ވެސް ދޭން ދޭނީ ގައުމެއްގެ ބަދަލުގައި ޑައިރެކްޓަރަށެވެ.
އެނިމޭޓަޑް ފިލްމުތަކަށް ދޭ އެވޯޑަށް ޝަރުތު ހަމަވުމަށް، އެ ފިލްމެއް އެމެރިކާގެ ބޮޑެތި ސިޓީތަކުގެ ތެރެއިން ސިޓީއެއްގައި ވަކި މުއްދަތަކަށް ސިނަމާތަކުގައި ދައްކަން ޖެހޭނެ އެވެ.
"ބެސްޓް އޮރިޖިނަލް ސްކޯ" ކެޓަގަރީއަށް ހުށަހަޅާ މިއުޒިކްގައި އޭއައި ބޭނުންކޮށްފައިވާ ނަމަ، އެކަން ހާމަކުރަން ޖެހޭނެ އެވެ. އަދި އެ މިއުޒިކަކީ އިންސާނުން އުފައްދާފައިވާ މަސައްކަތަކަށް ވާން ޖެހޭނެ އެވެ.
އެވޯޑަށް ކެމްޕޭން ކުރުމުގައި މެމްބަރުންނަށް ހަދިޔާ ދިނުމާއި ސޯޝަލް މީޑިއާގައި އެހެން ފިލްމުތަކަށް ފާޑުކިޔުން ފަދަ ކަންކަން ހަރުކަށިކޮށް، މަނާކޮށްފައިވެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ބަދަލުތަކަކީ ފިލްމީ ދާއިރާއަށް މިހާރު އަންނަމުންދާ ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެކު، އިންސާނުންގެ އުފެއްދުންތެރިކަމާއި ހުނަރަށް ދޭ ގަދަރު ހިފެހެއްޓުމަށް އެކަޑަމީން ނިންމި ނިންމުންތަކެކެވެ.
އަންނަ އަހަރުގެ އޮސްކާ އެވޯޑް ހަފުލާ ބާއްވަނީ މާޗު 14 ގަ އެވެ.