އިރާނުގެ ސަރަހައްދެއްގެ މަތިން ދަތުރުކުރަނިކޮށް އެ ގައުމުގެ އަސްކަރިއްޔާއިން ވައްޓާލި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުން ގެއްލުނު ދެވަނަ އޮފިސަރު އެމެރިކާގެ ސިފައިން މިއަދު ހެނދުނު ސަލާމަތްކޮށްފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެ ގައުމުގެ އަސްކަރިއްޔާއިން ހިންގި "ވަރަށް ނުރައްކާތެރި އަދި ކާމިޔާބު އޮޕަރޭޝަނެއްގައި" ކާނަލް ރޭންކުގެ އެ އޮފިސަރު މިހާރު ހުރީ ރައްކާތެރިކަމާ އެކުގައި ކަމަށެވެ.

ބޯޓު ދުއްވަން އިން ޕައިލެޓް މިދިޔަ ހުކުރު ދުވަހު ސަލާމަތްކުރި އެވެ. މިއަދު ސަލާމަތްކުރީ ބޯޓުގެ ވެޕަންސް ސިސްޓަމް އޮޕަރޭޓްކުރާ އޮފިސަރެވެ.

އޭނާ ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަނާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، މިއީ އެމެރިކާގެ ތާރީޚގައިވެސް ހިންގި އެންމެ ހިތްވަރުގަދަ ރެސްކިއު އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނުގައި އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރު އެޅި އެތައް މަތިންދާބޯޓެއް ބޭނުންކުރި އެވެ.

ވެޕަން އޮޕރޭޓްކުރާ އޮފިސަރަށް ބައެއް އަނިޔާތައް ލިބިފައިވީ ނަމަވެސް، އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ޓްރަމްޕް ވިދާޅުވި އެވެ .

މިދިޔަ ހުކުރު ދުވަހު އިރާނުގެ ހުޅަނގު ދެކުނު ސަރަހައްދަކުން އެމެރިކާގެ މި ބޯޓު ވައްޓާލީ އިރާނުގެ އަސްކަރިއްޔާގެ އެންމެ މަތީ ފައުޖު، ރިވޮލިއުޝަނަރީ ގާޑްސްއިން ދިން ހަމަލާއަކުން ކަމަށް އެ އިދާރާއިން ބުންޏެވެ.

ރިވޮލިއުޝަނަރީ ގާޑްސްއިން ހަމަލާދިން ބޯޓުގެ ބައިތަކުގެ ފޮޓޯތައް އިރާނުގެ މީޑިއާއިން އާންމުކުރި އެވެ. އެ ބޯޓަކީ އެމެރިކާގެ އެފް-15 މަރުކާގެ ބޯޓެއްގެ ބައިތަކެކެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ކުރިން ބުނީ ބޯޓު ވައްޓާލުމާއެކު ޕައިލެޓް ކާމިޔާބުކަމާއެކު ބޯޓުން ފުންމާލި ކަމަށެވެ. އޭނާ ސަލާމަތްކުރީ ހުކުރު ދުވަހު ދެ ހެލިކޮޕްޓަރު ބޭނުންކޮށްގެން ކަމަށް އެމެރިކާގެ އޮފިޝަލުން ބުންޏެވެ .