މިއަދު ބޭއްވި މި އަހަރުގެ އޮސްކާ އެވޯޑް ހަފުލާގައި ދުނިޔޭގެ މަޝްހޫރު ފިލްމީ ތަރިންނާއި ޑައިރެކްޓަރުން ފަލަސްތީނުގެ ގާޒާގައި ހިނގަމުންދާ ހަނގުރާމައާ ދެކޮޅަށް އަދި އީރާނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލައިފި އެވެ.
މި ހަފުލާގައި އެންމެ ފާހަގަކޮށްލެވުނީ ސްޕެއިންގެ މަޝްހޫރު އެކްޓަރު ހަވިއޭ ބާޑެމް އެވޯޑެއް ހަވާލުކުރުމަށް އެރި ވަގުތު ދެއްކި ވާހަކަ އެވެ. ސްޓޭޖް މަތީގައި ހުރެ އޭނާ ވަނީ "ހަނގުރާމައަށް ނޫނެކޭ ބުނޭ، ފަލަސްތީނު މިނިވަންކުރޭ" ބުނެ އަޑުއުފުލައިފަ އެވެ. އޭނާ ލައިގެން ހުރި ކޯޓުގައި ވަނީ "ހަނގުރާމައާ ދެކޮޅު" ކަމަށް ބުނާ ބެޖަކާއި ފަލަސްތީނުގެ ރަމްޒެއް ކަމަށްވާ "ހަންދަލާ"ގެ ބެޖެއް ވެސް ހަރުކޮށްފަ އެވެ.
މި ވާހަކަތައް ދެއްކިއިރު، އޭނާއާ އެކު އެ އެވޯޑް ޕްރެޒެންޓުކުރަން ސްޓޭޖުގައި ހުރީ އިންޑިއާގެ ތަރި ޕްރިޔަންކާ ޗޯޕްރާ އެވެ.
މިފަހަރު އޮސްކާގައި އެންމެ މޮޅު އިންޓަނޭޝަނަލް ފިލްމުގެ އެވޯޑު ކާމިޔާބުކުރި ނޯވޭގެ ޑައިރެކްޓަރު ޔަކީމް ޓްރިއާ ވެސް ވަނީ ކުޑަކުދިންގެ ހައްގުގައި ވާހަކަދައްކައިފަ އެވެ. އޭނާ ބުނީ ކޮންމެ ކުއްޖެއްގެ ރައްކާތެރިކަމަށް ހުރިހާ ބޮޑެތި މީހުން ޒިންމާވާން ޖެހޭނެ ކަމަށާއި، މިކަމަށް އިސްކަންނުދޭ ސިޔާސީ ވެރިންނަށް ވޯޓު ނުދިނުމަށް ގޮވާލާ ކަމަށެވެ. މިއީ، ހަމަލާތަކުގައި ގާޒާގައި މަރުވަމުންދާ ކުޑަކުދިންނަށް އިޝާރާތްކޮށް އޭނާ ދެއްކި ވާހަކައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އީރާނުގެ މަސްރަހާ ގުޅޭ ގޮތުން ޑޮކިއުމެންޓްރީ ޑައިރެކްޓަރު ސާރާ ޚާކީ ބުނީ، އީރާނުގެ ރައްޔިތުންގެ ހައްގުތަކަށްޓަކާ އެމީހުން ދެމިތިބޭނެ ކަމަށާއި، އެ ބަދަލު އަންނަން ޖެހޭނީ ގައުމުގެ އެތެރެއިން ކަމަށެވެ. އެހެން ބަޔަކު އެކަމަށް ނުފޫޒު ނުފޯރުވަން އޭނާ އިޝާރާތްކުރި އެވެ.
އެމެރިކާގެ އެކްޓަރު މާކް ރަފަލޯ އާއި ލަވަކިޔުންތެރިޔާ ބިލީ އައިލިޝް ފަދަ ތަރިން ވަނީ ގާޒާގައި ހިންގަމުންދާ ގަތުލުއާމު ހުއްޓާލުމަށް ގޮވާލާ ރަތް ބެޖު ޖަހައިގެން ހަފުލާއަށް ހާޒިރުވެފަ އެވެ.
ގާޒާގެ ކުއްޖެއްގެ ވާހަކަ ކިޔައިދޭ އަދި މި އަހަރުގެ އޮސްކާގައި އެންމެ މޮޅު އިންޓަނޭޝަނަލް ފިލްމުގެ ބައިން ނޮމިނޭޓުވި "ދަ ވޮއިސް އޮފް ހިންދު ރާޖަބް"ގެ އެކްޓަރު މުއުތަޒްއަށް އެމެރިކާގެ ވިސާ ނުލިބުމުގެ ސަބަބުން ހަފުލާއަށް ހާޒިރެއް ނުވެވުނެވެ. އޭނާ ބުނީ "ޕާސްޕޯޓު ހިފެހެއްޓިދާނެ، އެކަމަކު އަޑެއް ނުހިފެހެއްޓޭނެ" ކަމަށެވެ.
އޮސްކާގެ ޝަރަފު "ވަން ބެޓްލް އާފްޓާ އެނަދާ"އަށް
މި އަހަރު ބޭއްވި 98 ވަނަ އޮސްކާ އެވޯޑް ހަފުލާގައި އެންމެ ގިނަ އެވޯޑު ހާސިލްކޮށް، އެންމެ ކާމިޔާބު ފިލްމަކަށް ވީ ޕޯލް ތޯމަސް އެންޑަސަންގެ "ވަން ބެޓްލް އާފްޓާ އެނަދާ" އެވެ. އެ ފިލްމަށް ވަނީ އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ޑައިރެކްޓަރު ހިމެނޭހެން ޖުމްލަ ހަ އެވޯޑެއް ލިބިފަ އެވެ. މިއީ މަޝްހޫރު ޑައިރެކްޓަރު އެންޑަސަންއަށް އޭނާގެ ދިގު ކެރިއަރުގައި ލިބުނު ފުރަތަމަ އޮސްކާ އެވޯޑް ވެސް މެ އެވެ.
ފާހަގަކޮށްލެވޭ އެވޯޑުތައް
- އެންމެ މޮޅު ފިލްމު: ވަން ބެޓްލް އާފްޓާ އެނަދާ
- އެންމެ މޮޅު އެކްޓަރު: މައިކަލް ބީ. ޖޯޑަން (ފިލްމު: ސިނާސް)
- އެންމެ މޮޅު އެކްޓްރެސް: ޖެސީ ބަކްލީ (ފިލްމު: ހެމްނެޓް)
- އެންމެ މޮޅު ސަޕޯޓިންގް އެކްޓަރު: ޝޯން ޕެން (ފިލްމު: ވަން ބެޓްލް އާފްޓާ އެނަދާ)
- އެންމެ މޮޅު ސަޕޯޓިންގް އެކްޓްރެސް: އެމީ މެޑިގަން (ފިލްމު: ވެޕަންސް)
މި އަހަރުގެ އޮސްކާގައި ތާރީހީ ކާމިޔާބީއެއް ހާސިލްކުރީ ފިލްމު "ސިނާސް"ގެ ސިނަމަޓޯގްރަފަރު އޯޓަމް ޑުރާލްޑް އާކަޕޯ އެވެ. އޭނާ ވެފައި ވަނީ އޮސްކާގެ 98 އަހަރުވީ ތާރީހުގައި "ބެސްޓް ސިނަމަޓޯގްރަފީ" އެވޯޑު ހާސިލްކުރި ފުރަތަމަ އަންހެން ފަންނާނަށެވެ.
މީގެ އިތުރުން، ގިލްމޯ ޑެލް ޓޯރޯގެ "ފްރެންކެންސްޓައިން" ވަނީ އެންމެ މޮޅު މޭކަޕާއި ކޮސްޓިއުމް އަދި ޕްރޮޑަކްޝަން ޑިޒައިން ހިމެނޭހެން ޓެކްނިކަލް ތިން އެވޯޑެއް ލިބިފަ އެވެ. އެންމެ މޮޅު އެނިމޭޓެޑް ފިލްމަކަށް ހޮވުނީ ދެކުނު ކޮރެއާގެ "ކޭ-ޕޮޕް ޑީމަން ހަންޓާސް" އެވެ.