ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔޫއޭއީގެ އާއްމުން ދިރިއުޅޭ ތަންތަނާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް މިސައިލާއި ޑްރޯން އިން ދިން ހަމަލާތައް ރާއްޖޭން ވަރުގަދައަށް ކުށްވެރިކުރާ ކަމަށެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ރާއްޖެއިން ދެކެނީ އެ ހަމަލާތަކަކީ ޔޫއޭއީގެ ސިޔާދަތަށް އަރައިގަތުމާއި ސަރަހައްދީ ހަމަޖެހުމަށް ނުރައްކާ ކުރުން ކަަމަށެވެ. ރާއްޖެ އޮތީ ޔޫއޭއީއާ އެކުގައި ކަމަށާއި އެ ގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމަށާއި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ހުރިހާ ފިޔަަވަޅަކަށް ރާއްޖޭން ތާއީދު ކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

"މަސްރަހު ގޯސްކުރުމުން ދުރުހެލިވުމުގެ މުހިއްމުކަން ދިވެހިރާއްޖެއިން ފާހަގަކުރަމެވެ. އަދި  ވާހަަކަ ދައްކައި، ޑިޕްލޮމެޓިކް މަަސައްކަތްތަކުން ނުތަނަވަސްކަން ކުޑަކޮށް ސަރަހައްދުގެ ހަމަޖެހުން ހިފަހައްޓަން ގޮވާލަމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައިގައި ހަމަލާ ދިނުން ހުއްޓާލާފައިވާ ކަަަމަށް ބުނި ފަހުން މިދިޔަ ދެ ދުވަހު ވެސް ޔޫއޭއީއަށް ހަމަލާތަކެއް ދިނެވެ. 

ނަމަވެސް އީރާންގެ އަސްކަރިއްޔާއިން ބުނީ ޔޫއޭއީ އަށް ހަމަލާ ދީފައި ނުވާ ކަމަށާއި އީރާނުން ހަމަލާދިން ކަމަށް ބުނާ ވާހަކަ ކަނޑައެޅިގެން ދޮގުކުރާ ކަމަށެވެ. 

ޔޫއޭއީން ރޭ ބުނި ގޮތުގައި އީރާންގެ ޑްރޯން އަދި މިސައިލް ހަމަލާތަކެއް އަންނާތީ އިންޓަސެޕްޓްކޮށް ވައްޓާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ދިން ކަމަށް ބުނާ ހަމަލާގެ ތަފްސީލެއް ނުދެ އެވެ. 

ޔޫއޭއީން އިއްޔެ ރޭ ބުނި ގޮތުގައި  އީރާންގެ މިސައިލާއި ޑްރޯން ހަމަލާތަކުގެ ސަބަބުން، ހަކަތަ އުފައްދާ ކާރުހާނާއެއްގައި އަލިފާން ވެސް ރޯވި އެވެ.

އީރާނުން ޔޫއޭއީ އަށް ހަމަލާ ދިން ކަމަށް ކުރި ތުހުމަތާ އެކު ސަރަހައްދުގެ އަރަބި ގައުމުތަކުގެ އިތުރުން އެކި ގައުމުތަކުގެ ވެރިން ވެސް ވަނީ އީރާނުން އަލުން ހަނގުރާމައިގެ ތެރެއަށް ނުދިއަށް އެދިފަ އެވެ. 

މި ހާދިސާތައް ހިނގާފައި މި ވަނީ އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން އެމެރިކާއިން ހާއްސަ އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ. އީރާނުން ބުނެފައިވަނީ ހޮރްމޫޒު ކަނޑުއޮޅިއަށް ބޭރުގެ އަސްކަރިއްޔާއަކުން، އަދި ހާއްސަކޮށް އެމެރިކާގެ އަސްކަރިއްޔާއިން ވަދެފި ނަމަ އެއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހިލާފުވުން ކަމުގައި ބަލާނެ ކަމަށެވެ.