ހަމަލާ ބަދަލުކުރުން ހުއްޓާލަން އީރާނާއި އެމެރިކާއިން އެއްބަސްވެގެން ތިބި މި ދަނޑިވަޅު އިއްޔެ ރޭ ޔުނައިޓް އަރަބި އެމިރޭޓްސް އަށް އީރާންގެ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނާއިރު މިރޭ ވެސް ހަމަލާ ދީފި އެވެ.

ނަމަވެސް އީރާންގެ އަސްކަރިއްޔާއިން ބުނީ ޔޫއޭއީ އަށް ހަމަލާ ދީފައިނުވާ ކަމަށާއި އީރާނުން ހަމަލާދިން ކަމަށް ބުނާ ވާހަކަ ކަނޑައެޅިގެން ދޮގުކުރާ ކަމަށެވެ. 

މިރޭ ޔޫއޭއީން ބުނި ގޮތުގައި އީރާންގެ ޑްރޯން އަދި މިސައިލް ހަމަލާތަކެއް އަންނާތީ އިންޓަސެޕްޓްކޮށް ވައްޓާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ދިން ކަމަށް ބުނާ ހަމަލާގެ ތަފްސީލެއް ނުދެ އެވެ. 

ޔޫއޭއީން އިއްޔެ ރޭ ބުނި ގޮތުގައި  އީރާންގެ މިސައިލާއި ޑްރޯން ހަމަލާތަކުގެ ސަބަބުން، ހަކަތަ އުފައްދާ ކާރުހާނާއެއްގައި އަލިފާން ވެސް ރޯވި އެވެ.

އީރާނުން ޔޫއޭއީ އަށް ހަމަލާ ދިން ކަމަށް ކުރި ތުހުމަތާ އެކު ސަރަހައްދުގެ އަރަބި ގައުމުތަކުގެ އިތުރުން އެކި ގައުމުތަކުގެ ވެރިން ވެސް ވަނީ އީރާނުން އަލުން ހަނގުރާމައިގެ ތެރެއަށް ނުދިއަށް އެދިފަ އެވެ. 

 މި ހާދިސާތައް ހިނގާފައި މި ވަނީ އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން އެމެރިކާއިން ހާއްސަ އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ. އީރާނުން ބުނެފައިވަނީ ހޮރްމޫޒު ކަނޑުއޮޅިއަށް ބޭރުގެ އަސްކަރިއްޔާއަކުން، އަދި ހާއްސަކޮށް އެމެރިކާގެ އަސްކަރިއްޔާއިން ވަދެފި ނަމަ އެއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހިލާފުވުން ކަމުގައި ބަލާނެ ކަމަށެވެ.